ސްޓެލްކޯގެ އިސްވެރިން މާލެ ސިޓީ ކައުންސިލާއި ބައްދަލު ކޮށްފިއެވެ.
އިއްޔެ ބޭއްވި މި ބައްދަލުކުރުމާއި ގުޅޭގޮތުން ސްޓެލްކޯ އިން ބުނީ، ރައްޔިތުންނަށް އެ ކުންފުނިން ފޯރުވައިދޭ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށާއި، އެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުރިހަމަ ކުރުމުގައި ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާއި މެދު، ސިޓީ ކައުންސިލާއިއެކު މަޝްވަރާ ކުރެވުނު ކަމަށެވެ.
ސްޓެލްކޯއިން ގިނަ މަސައްކަތްތަކެއް ކުރުމަށް އަމާޒު ހިފައިފައިވާއިރު، ސްޓެލްކޯ ހުންނަ ދޮންއަދަރާދަ މަގު ރޯދައިގެ ކުރިން ހުޅުވުމުގެ ޢަމަލީ މަސައްކަތް އެ ކުންފުނިން އިއްޔެ ވަނީ ފަށައިފައެވެ.
މި މަޝްރޫޢު އާއި ގުޅިގެން ސްޓެލްކޯގެ އެމްޑީ ޙުސައިން ފަހްމީ ވިދާޅުވީ، އަމާޒު ހިފާފައިވަނީ ކުރިޔަށް އޮތް ރަމަޟާންމަހުގެ ކުރިން އެމަގުގެ މަސައްކަތް ނިންމައި މަގު ހުޅުވާލުމަށް ކަމަށާއި އެ މަގު ހުޅުވިގެން ދިއުމާއެކު، އެ ސަރަހައްދުގެ ޓްރެފިކްފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އަދި މީގެ ސީދާ ފަސޭހަތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ހަގީގީ މާނައިގައި ލިބެމުންދާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

