ރައީސުލް ޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން އެދިފައި ނުވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އެމްޑީޕީ ސުޕަރ މެޖޯރިޓީގައި ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖްލީހުގެ މާލިއްޔަތު ކޮމެޓީއިން މަޖްލިސް މެމްބަރުންގެ މުސާރަ 1 ލައްކަ އަށް އަދި ރައީސުން ނާއި ނައިބުން އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމާއި ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިއަދު އެކސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަދި ކެބިނެޓް ވަޒީރުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން އެދިފައި ނުވާނެ ކަމަށާއި، އަދި މުސާރަ ބޮޑު ކުރަން އެމަނިކުފާނު ބޭނުންފުޅުވެސް ނުވާކަމަށެވެ.
ރައީސް، ނައިބު ރައީސް، ވަޒީރުންގެ މުސާރަ ބޮޑު ކުރަން ސަރުކާރުން އެދިފައި ނުވާނެ. އަދި ބޮޑު ކުރާކަށް ބޭނުމެއްވެސް ނޫން -ރައީސް މުޢިއްޒު-
މީގެ އިތުރުން ރައީސް ވިދާޅުވީ އެއްވެސް މަޝްވަރާ ކުރުމެއްނެތި މަޖްލީހުން ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ ޢިޖްތިމާއީ ފަންޑަކަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.
ރައީސާއި ނައިބު ރައީސާއި ދަޢުލަތުގެ އިސް މަޤާމުތައް ހިމެނޭހެން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަޤާމުތަކުގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް މި މަޤާމުތަކަށް މުސާރަ ބޮޑުކުރަން އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮތް މަޖްލީހުގެ ކޮމެޓީއަކުން މިފަދަ ނިންމުމެއް ނިންމީ އައު ސަރުކާރު ބަދުނާމު ކުރުމަށާއި، ސަރުކާރަށް ބުރަބޮޑު ކުރުމަށް ކަމަށް ސަރުކާރަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ ހާމަކުރަމުންނެވެ.

