އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވަނީ ސަރުކާރުން އެދިގެން ނޫންކަމަށާއި، އެކަން އެގޮތަށް ކުރީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކިވަޑައިގަންނަވާކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން އެދިފައި ނުވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް މިއަދު ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ޝަހީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން ކަމަށާއި، އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކުރައްވާ ނިންމުމެއްވެސް ނޫންކަމަށެވެ.
ސަރުކާރާއި އެއްވެސް މަޝްވަރާ ކުރުމެއްނެތި މަޖްލީހުން ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ ޢިޖްތިމާއީ ފަންޑަކަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސާއި ނައިބު ރައީސާއި ދަޢުލަތުގެ އިސް މަޤާމުތައް ހިމެނޭހެން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަޤާމުތަކުގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ. އަދި މަޖިލީހުގެ ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް މި މަޤާމުތަކަށް މުސާރަ ބޮޑުކުރަން އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮތް މަޖްލީހުގެ ކޮމެޓީއަކުން މިފަދަ ނިންމުމެއް ނިންމީ އައު ސަރުކާރު ބަދުނާމު ކުރުމަށާއި، ސަރުކާރަށް ބުރަބޮޑު ކުރުމަށް ކަމަށް ސަރުކާރަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ ހާމަކުރަމުންނެވެ.

