ހުޅުމާލޭގައި ދިރިއުޅޭ އިންޑިއާ މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްވެއްޖެއެވެ.
މިނިސްޓްރީ އޮފް ހެލްތުން މިއަދު މައުލޫމާތު ދިން ގޮތުގައި، ފައިލޭރިއާ ޖެހިފައިވާ ބިދޭސީ މީހާ ފެނިފައިވަނީ، މިހާރު އެ މިނިސްޓްރީއިން ކުރިޔަށް ގެންދާ ސްކްރީނިންގް ޕްރޮގްރާމްގެ ތެރެއިންނެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާ މީހާއަށް ސިއްހީ ވުޒާރާއިން ފަރުވާދެމުން ދާކަމަށް އެ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.
މިހާތަނަށް ރާއްޖެއިން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ 26 މީހުންނަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. ބަލި އިތުރަށް ފެތުރުނަނުދިނުމަށްޓަކައި ދޭސީ ބިދޭސީ ތަފާތު ކުރުމެއް ނެތި ކުރަމުންދާ ސްކްރީނިންގ ޕްރޮގްރާމް މެދުކަނޑައިލުމުގެ ވިސްނުމެއް ނެތްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ރާއްޖެ އިން ފައިލޭރިއާ ޖެހިފައިވާ މީހުން ފެންނަން ފެށީ ހދ. ކުޅުދުއްފުށިންނެވެ. މި މަހުގެ މިހާތަނަށް އެ ރަށުން އެކަނި ވެސް ފައިލޭރިއާ ޖެހިފައިވާ 25 މީހަކު ފެނިފައި ވެ އެވެ. އެހެންވެ، މިހާތަނަށް ފައިލޭރިއާ ޖެހިފައިވާ 26 ބިދޭސީއަކު ރާއްޖެ އިން ވަނީ ފެނިފަ އެވެ.
ފައިލޭރިއާ ޖެހެނީ، ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. ފައިލޭރިއާ ޖެހިފައިވާ މީހެއްގެ ގައިން ކިއުލެކްސް މަދިރި ލޭ ބުއިމަށް ފަހު، އެހެން މީހެއްގެ ގައިގައި ހަމަ އެ މަދިރި ހަފައިފި ނަމަ ފައިލޭރިއާ ޖެހުމަށް ފުރުސަތު ބޮޑުވާނެ އެވެ. އެކަމަކު، އެންމެ ފަހަރަކު މަދިރި ހެފިއަސް ފައިލޭރިއާ ނުޖެހިދާނެ އެވެ.

