ރާއްޖޭގައި މިހާރު އެންމެ ގިނަ ޒުވާނުން ބޭނުން ކުރާ ސޯޝަލްމީޑިޔާ އެޕަކީ ޓިކްޓޮކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އިންސްޓަގްރާމުގައި ވަރަށް ހިންގުންތެރި ޒުވާނުންވެސް ލައިވް ވެ ރައްޓެހިން ހޯދައި ގުޅުން ބަދަހި ކުރުމާއެކު ގޭމް ކުޅުމާއި ހިތްހަމަޖައްސާލުމަށް ލަވައެއް ކުޅެލުން ފަދަ ކަންތައް ކޮށްލުމަށް ޓިކްޓޮކް އެކައުންޓެއް ނެތި ކަމަކު ނުދާނެކަމަށް ގިނަ ޒުވާނުން ގަބޫލު ކުރެއެވެ.
މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ އައު އަހަރު އޮލިމްޕަހަށް އަންނަ “މީ އިޝްގް” ގެ ވާހަކައެވެ. މި ފިލްމުން މި އޮތީ އާ އަހަރާއެކު އަންނާތީ ނިކަން އާ ކަމެއްވެސް ކޮށްލާފައެވެ. އެގޮތުން ފިލްމް “މީ އިޝްގް” އިން ޓިކްޓޮކް ޗެލެންޖެއް މި ވަނީ ހުޅުވައިލާފައެވެ. މިއީ މި ފިލްމުގެ ލަވައަކަށް “ޓިކްޓޮކް” ލަވައެއް ކުޅެގެން އިނާމު ހޯދޭ ޗެލެންޖެކެވެ. މި ޗެލެންޖުގައި ގިނަ ޒުވާނުން ދަނީ މިހާރުވެސް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
މިއީ އެހާ އުނދަގޫ ކަމެއް ވެސް ނޫނެވެ. ހަމަ އެހެންޏާވެސް ލޯގަނޑު ކުރިމަތީ ހުނަރު ދައްކާލައި ވީޑިޔޯ ކޮށްލާގޮތަށްވެސް ކޮށްލެވޭނެއެވެ. ނޫނީ އެންމެ ޕްރޮފެޝަނަލް ކޮށް ކެމެރާއަކުން ނުވަތަ ފޯނަކުން ވިޔަސް ސްޓޭންޑެއް ބޭނުންކޮށްގެން ވިޔަސް ހަމަ ވީޑިޔޯ ކުޅެލެވޭނެއެވެ. އެކަމަކު ކޮށްލަން ޖެހޭ ބައެއް ކަހަލަ ކަންތައް އެބަ ހުރި އިނގޭތޯ އެވެ. އެކަންތައްތަކަކީ:
މި ފިލްމް ގެ މިހާތަނަށް އާންމުކުރި ލަވަތަކުގެ ތެރެއިން ލަވަކަށް ޓިކްޓޮކް ހަދައިގެން އިނާމު ހޯދޭ ޗެލެންޖުގައި ބައިވެރިވާން ހަދަން ޖެހޭ ގޮތަކީ ލަވައަކަށް ޓިކްޓޮކް ހަދާފައި (ހޭޝްޓެގް) #މީއިޝްގު ޖަހާފައި އަޕްލޯޑްކުރާނީ އެވެ. އަޕްލޯޑްކުރާ އިރު، ފިލްމުގެ ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ގެ ޓިކްޓޮކް އެކައުންޓް @ޗުވީޓްއާޝާ2 އަށް ޓެގްކުރަން ވާނެ އެވެ.
މީ އިޝްގު ގެ ޓީމުން މިކަން ހާމަކުރަމުން ބުނެފައިވަނީ އެންމެ ގިނަ ލައިކްސް ލިބޭ ޓިކްޓޮކަށް އިނާމެއްގެ ގޮތުގައި 2،500ރ. ގެ އިތުރުން ފިލްމުގެ ޕްރީމިއާ ޝޯ އިން ދެ ޓިކެޓް ލިބޭނެ ކަމަށެވެ.
ދިވެހި ފިލްމް އިންޑަސްޓްރީގެ އަރަމުން އަންނަ ހުނަރުވެރި ދެ ސްޓާރުންކަމަށްވާ ޝަރަފު އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ)ގެ ކުޅަދާނަ ހަރަކާތްތަކާއި އެކްޓް، ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ އައު އަހަރުގެ ޖެނުއަރީ 6 ކަށެވެ.

