ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ތަންތަނަށް އިންވެސްްޓު ކުރުމަށް ހުޅުވާލި ފުރުސަތުގައި ސަރުކާރަށް ފުރަތަމަ ޕްރޮޕޯސަލް ލިބިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ބިލްޑާޒް އެވޯޑު ދިނުމަށް މިރޭ މާގިރި ހޮޓަލުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެސްއީޒެޑް ގާނޫނުގެ ދަށުން އިންވެސްޓަރުންނަށް ސަރުކާރުން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
“ފުރަތަމަ ޕްރޮޕޯޒަލް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެ ޕްރޮޕޯޒަލަކީ ރިނިއުވަބަލް އެނާޖީގެ ދާއިރާއިން 110 މެގަވޮޓު ހާސިލުވެގެންދާ ޕްރޮޕޯޒަލެއް،” އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއީ ދާދިފަހުން ބޭއްވި ކޮޕް 28 އަށް ފަހު، އެ ބައްދަލުވުމުގައި ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ދުނިޔޭގެ އެއްވެސް ގައުމަކުން ފެށި ފުރަތަމަ މަސައްކަތެވެ.
ނަމަވެސް، އެ މަޝްރޫއުގެ އިތުރު ތަފްސީލެއް ރައީސް މިރޭ ނުދެއްވަ އެވެ.
އާ ސަރުކާރުން ވަނީ އެސްއީޒެޑްގެ ގާނޫނުގެ ތެރެއިން އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ޖެހޭ ގޮތަށް ކަނޑައަޅައިފަ އެވެ. އަދި އިންވެސްޓް ކުރާނެ ނުވަ ދާއިރާއެއް ވެސް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި މެނުފެކްޗަރިން މަސައްކަތްތަކާއި ޓްރާންސްޝިޕްމެންޓް ބަނދަރާއި ޓާޝަރީ ހޮސްޕިޓަލާއި އިންޓަނޭޝަނަލް ފައިނޭންސިން ދާއިރާ އާއި އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް ހިމެނެ އެވެ.
ރައީސް މިރޭ ވަނީ އެސްއީޒެޑްގެ ބޭނުން ކޮންސްޓްރަކްޝަން އިންޑަސްޓްރީން ވެސް ރަނގަޅަށް ހިފުމަށް ގޮވާލައްވައިފަ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގެ ގޮތުަގައި ކަނޑައަޅާ ސަރަހައްދުތަކުގައި މަޝްރޫއުތައް ހިންގޭނެ ދާއިރާތަކާއި އެ ފަދަ މަޝްރޫއުތަކަށް އެންމެ ކުޑަކޮށް އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރު، ރައީސް ކަނޑައެޅުއްވީ 2014 ވަނަ އަހަރު ފާސްކޮށް، އަމަލުކުރަން ފެށި އެސްއީޒެޑް ގާނޫނުން އެމަނިކުފާނަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.
އެސްއީޒެޑް ގާނޫނުގެ ދަށުން ކަނޑައެޅޭ މުހިއްމު ސަރަހައްދުތަކެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމްކޮށް، އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާލުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.

