ވޭތުވެދިޔަ 7އަހަރު އެއޮފީހުން ޚިދުމަތެއް ހޯދާފައިނުވާކަމަށްބުނެ ކ. ތުލުސްދޫގައި ހުންނަ ކަސްޓަމްސް އޮފީސް ބަންދު ކޮށްފިއެވެ.
ކަސްޓަމްސްއިން ވިދާޅުވިގޮތުގައި ވޭތުވެދިޔަ 7 އަހަރުގައިވެސް ތުލުސްދޫ ބްރާންޗުން ޚިދުމަތެއް ހޯދާފައިނުވެއެވެ. އަދި މާލޭގެ ބަނދަރުތައް ކަމުގައި މާލޭ ކޮމާޝަލް ހާބަރައި ވެލާނާ އެއާޕޯޓުގައި ދެމުންދާ ކަސްޓަމްސްގެ ހިދުމަތްތައް އިންތިހާއަށް ފުޅާވުމުން ތުލުސްދޫގެ އޮފީހުގެ ބޭނުމެއް ނުޖެހޭ ކަމަށް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.
މީގެ 7 އަހަރުކުރިން ފުޅާދާއިރާއެއްގައި ހިކި ކަނޑުމަސް ރައްކާކުރުމާއި ބަންދުކޮށް ރާއްޖެއިން ބޭރަށް ވިއްކުމުގެ މަސައްކަތް ކުރަމުންދިޔުމާއި ގުޅިގެން، އެމަސް އެކްސްޕޯރޓް ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކ.ތުލުސްދޫގައި ވަނީ ކަސްޓަމްސްގެ އޮފީހެއް ހުޅުވާފައެވެ.
އެހެންނަމަވެސް، ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި އެއްވެސް ކަސްޓަމަރަކު ލިބިފައިނުވުމުގެ ސަބަބުން އެއޮފީސް ބަންދުކޮށްލީކަމަށާއި އެއޮފީހުގައި މަސައްކަތް ކުރި މުވައްޒަފުން ކަސްޓަމްސްގެ އެހެން ސެކްޝަންތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެއެވެ.

