މިސަރުކާރުގެ މަތި ބަރުނުވާނެ ކަމަށާއި، ސިޔާސީ މަޤާމްތަކަށް މީހުން އައްޔަން ކުރަމުންދާނީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަހީބު ވިދާޅުވީ ސަރުކާރެއް ހިންގުމަށްޓަކާ އެކި ދާއިރާތަކުން މުވައްޒަފުން ބޭނުންވާކަމަށެވެ. އެގޮތުން ކުންފުނި ތަކަށާއި، މިނިސްޓްރީތަކަށްވެސް އެކަށީގެންވާ މުވައްޒަފުން ބޭނުންވާކަމަށް ޝަހީބު ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރުގެ މަތިބަރުނުވާނެ ކަމަށާއި ނިމިދިޔަ ސަރުކާރަށް މަސްދުވަސް ވީއިރު ސިޔާސީ މަޤާމްތަކަށް އައްޔަނުކުރި މީހުންގެ އަދަދު 700 އަށްވުރެ މަތިކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
”މި ސަރުކާރު މަތި ބަރެއް ނުވާނެ، ނިމިދިޔަ ސަރުކާރުގެ ފުރަތަމަ 3 މަސް ދުވަހު ސިޔާސީ ވަޒީފާތަކުގެ އަދަދު 700 އަށްވުރެ ގިނަ. އަޅުގަނޑުމެން މިވީ ދޮޅުމަސް ތެރޭގައި 700 ގެ ދެބައިކުޅަ އެއްބަޔަށްވެސް އަދި ނާރާ“
ޝަހީބު ވިދާޅުވީ މިސަރުކާރުގެ ސިޔާސީ މަޤާމްތައް 700 އަށްވުރެ އިތުރު ނުކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށާއި، އެކަން ކުރިއަށް ދަނީ ރައީސްގެ އެވަޢުދުފުޅާއި އެއްގޮތަށް ކަމަށެވެ.
”ރައީސް ޑރ. މުޢިއްޒުގެ ވަޢުދު ފުޅެއް އެއީ ސަރުކާރުގައި 700 އަށްވުރެގިނަ ސިޔާސީ މަޤާމްތައް ނޯންނާނެ ކަމަށް. އަދި މިވީ މުއްދަތުގެ ތެރޭގައި އެ އަދަދު ދެބައިކުޅަ އެއްބަޔަށްވެސް ނާރާ، އެހެންވީމަ އެވަޢުދުފުޅާއި އެއްގޮތަށް އެކަން ކުރިއަށް އެބަދޭ“
މީގެ އިތުރުން ޝަހީބު ވިދާޅުވީ ސަރުކާރު ފެށިގެން މިވީ ދޮޅު މަހެއްހާ ދުވަސްތެރޭގައި، އަދި ބައިވަރު ވަޒީފާތަކަށް މީހުން ހަމަޖައްސަން އެބަހުރި ކަމަށާއި، އަދި ހުރިހާ ވަޒީފާތައް ހަމަޖައްސާ ނުނިމޭ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސީ މަޤާމްތަކަށް މީހުން ނެގުމުގެ ކަންކަން މިގޮތުގެ މަތިން ކުރިއަށްދާ ކަަމަށް ޝަހީބު ވިދާޅުވިއެވެ.

