ރައީސް ނަޝީދަކީ ސިޔާސީ މަޝްރަހުގައި ނިކަން ގަދަ ބަސްވިދާޅުވާ ބެފުޅެކެވެ. އެވަގުތުގެ ސިޔާސީ މަޝްރަހު ނިކަން ރަނގަޅަށް ކިޔަވާ ވިދާޅުވެ ހުންނަވާފައިވާ ބޭފުޅެކެވެ.
ނިމިގެން މިދިޔަ ފަސް އަހަރަކީ މިދެންނެވި ގޮތަށް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ނިކަން ބޮޑެތި ބަދަލުތަކެއް އައި ފަސް އަހަރެކެވެ. ރައީސް ނަޝީދުގެ އެމްޑީޕީ އަތުން ބީވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަދަވެ ޕާޓީ އަމިއްލަ ކުރެއްވި ފަސް އަހަރެވެ. އިސާހިތު ދަ ޑިމޮކްރެޓްސް އުފަންވެ ސިޔާސީ މަޝްރަހަަށް ގަދަވެ ދިޔަ ފަސް އަހަރެވެ.
ރައީސް ނަޝީދު އިސްވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ދިފާއު ކުރުމަށް އެންމެ ބޮޑަށް ހުތަސް އަޅުއްވައި ވެރިކަން ނިމުމަކަށް ގެނައެވެ.
” ތިކެޔޮ ގަނޑުގެ ފޫވައް ވެއްޓިއްޖެ، ރޫޅާލާނަން، ރޫޅާލާނަން” މިއީ ރައީސް ނަޝީދުގެ ޑިމޮކްރެޓްސް އުފައްދަން ބޭއްްވި ޖަލްސާ ފަޅުފިލުވާލަދިން މުހިންމު ތަންކޮޅެވެ.
މިރޭ ދަރުބާރުގޭގައި ވެރިކަން ކުރާ ޕީއެންސީން ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ތަމްސީލުކުރައްވާ 13 މެމްބަރަކު ޕީއެންސީއާއި ގުޅިވަޑައިގަތުން ވެގެން މިދިޔައީ ރައީސް ނަޝީދު ބުނި ބަހާއި ދިމާވެ ނޫންތޯއެވެ.
މި މެމްބަރުން ޕީއެންސީ އަށް ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް، އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒާއެވެ.
ސޮއިކުރެއްވި މެމްބަރުންނަކީ:
– މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
– ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނިހާދު
– މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް
– އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
– ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް
– ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަކީމް
– މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
– މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
– ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)
– މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
– ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު
– ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
– ގުރައިދޫ ދާއިރާގެ މެމްބަރު ޝާޒް
މިއީ މިފަހުގެ ތާރީހެއްގައި އެއްވަގުތަކާއި މިހާގިނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރި ފުރަތަމަ ފަހަރެވެ. މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވީ އިނގިލި ބުރިކޮށްލި ޔަސް ސަރުކާރާއި އެއްކޮޅަށް ވޯޓު ދެއްވާނެ މެމްބަރުން މިހާރު މަޖިލީހުގައި ތިއްބަވާނެ ކަމަށެވެ.
އަދި މީގެ އިތުރަށް ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ހުޅުމާލެ އާއި ގިރާވަރުފަޅު އަދި ގުޅިފަޅުން ދޫކުރި ގޯތިތައް “ރަސްމާލެ” އަށް ބަދަލުކުރަން މި ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ އެމްޑީޕީން ދޮގުތަކެއް ފަތުރަމުންދާ ކަމަށާއި ނަމަވެސް މިކަމަކީ ސަރުކާރުން އެއްވެސް ވަރަކަށް ކުރަން މަޝްވަރާ ވެސް އަދި ކުރާނެ ކަމެއްވެސް ނޫން ކަމަށެވެ.
އޭގެ ބަދަލުގައި މި ސަރުކާރުން ކުރާނެ ކަމަކީ ގުޅީފަޅާއި ގިރާވަރުފަޅު މިހާރަށް ވުރެ ބޮޑު ކުރުން ކަމަށާއި މިހާ ސާފުކޮށް އޮތް ކަމެއްވެސް އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
“މިގޮތަށް ދޮގު ހެދުން ނޫން ކަމެއް، ސޯޝަލް މީޑިއާގައި ވެސް އަދި މެއިންސްޓްރީމް މީޑިއާގައި ވެސް، ދޮގު ނޫން ކަމެއް ނެތް ފެތުރުމެއް. އެއީ ތިމަންނާމެންނަށް ވިއްކާނެ އެއްޗެއް ނެތުނީމާ ވާގޮތެއް ކަމަށް ވެދާނެ،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިފަދަ ކަންކަމަށް ރައްޔިތުން ސަމާލުވެ ތިބެންޖެހޭ ކަމަށާއި ތަކުރާރުކޮށް ދައްކަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ބަދަލުގައި ސަރުކާރުން ސާފުކޮށް ދައްކާ ވާހަަކަތައް ރައްޔިތުން ގަބޫލުކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށެވެ. އެގޮތުން ގެދޮރުގެ މައްސަލަ ސަރުކާރުން ވީ ވައުދާ އެއްގޮތަށް އަކުރުން އަކުރުން ރަނުން ރަނަށް ހައްލުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

