ނިމިދިޔަ ސަރުކާރުން ފެށި ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ އާއިއެކު ބިން ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ފަށައިފި އެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ އާއި ބިން ހަވާލު ކުރުމުގެ މަސައްކަތް އޮތީ މަޑުޖައްސާލައިފައެވެ. އެ މަސައްކަތް ރައީސް މުޢިއްޒުގެ ސަރުކާރުން ފަށާފައިވަނީ އިއްޔެއެވެ.
މިކަމާއިގުޅިގެން ހައުސިން މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނީ، މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކޮށްފައި ނުވާ މީހުން އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލު ކުރުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ކުރިޔަށް ގެންދަން ފަށާފައިވާ ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ މީހުންނަށް ގުޅައިގެން އަދި މެސެޖުކޮށް ހާޒިރުވާން ޖެހޭ ތާރީޚާއި ގަޑި އަދި ތަން އަންގާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިހާތަނަށް ހަވާލު ކޮށްފައިވާ ރަޖިސްޓްރީތަކާއި އެއްބަސްވުންތަކުގައި މައްސަލައެއް ފާހަގަ ކުރެވޭ ނަމަ އެކަން މިނިސްޓްރީ އަށް ހުށަހެޅުމުން އިސްލާހު ކުރާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް މާލެ ސަރަޙައްދުން ލިބިފައިވާ ގޯއްޗާއި، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ގޯތި އަދި ފްލެޓް ލިބޭނެކަމަށް ފައިނަލް ލިސްޓްގައި ހިމެނި، ގެޒެޓް ކޮށްފައިވާ ފަރާތްތަކަށް ރެޖިސްޓްރީ ހަދައިދީ ގޯއްޗާއި، ފްލެޓް ހަވާލުކުރުމަކީ އެމަނިކުފާނުގެ ވަޢުދާއި އެއްގޮތަށް ކުރިއަށްދާނެ ކަމެއްކަމަށެވެ. މިއާއިއެކު، މިދިޔަ ސަރުކާރުން ގޯތިދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަންކަން ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ ނުހިއްކާހުރި ތަންތަންވެސް ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ. އަދި ގުޅީފަޅާއި، ގިރާވަރުފަޅުން އިތުރު ބިން ހިއްކުމަށްވެސް ތައްޔާރު ވަމުންދާކަމުގައި ރައީސް ވިދާޅުވިއެވެ.
“ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައި 13،000 މީހުން ޝަރުތު ހަމަވާ ކަމަށް ކަނޑައެޅިއިރު އޭގެ ތެރެއިން 4،000 މީހުންނަށް މިވަގުތު ހުރި ފްލެޓުތައް ދޭން ނިންމުމުން އެތައް ބަޔަކު ހިތްހަމަ ނުޖެހި 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަން ހުއްޓުވައިފަ އެވެ.
އޭސީސީން އަންނަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ހުށަހަޅާ ޕޯޓަލް އަށް އެކްސެސްވެފައި ހުރި މައްސަލަތައް ތަހުގީގު ކުރަމުންނެވެ. މިހާތަނަށް އައިއިރު ޝައްކު ކުރެވޭ އެތައް ކަމެއް ފާހަގަކުރެވިފައިވާކަމަށް އޭސީސީގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

