ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ ޝިއަމެން ފްރީޓްރޭޑް ޒޯނަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
އެ ދެކަނބަލުންގެ މި ޒިޔާރަތުގައި ޝިއަމެން ފްރީޓްރޭޑް ޒޯނުގެ ފަރާތުން ވަނީ އެތަނާބެހޭ ތަޢާރަފެއް ހިމެނޭ ވީޑިއޯއެއް ހުށަހަޅައިދެއްވާފައެވެ. އަދި މިތަނުގެ މުހިންމު ތަންތަން ބައްލަވާލައްވައި އެތަންތަނާ ބެހޭގޮތުން މައުލޫމާތުވެސް ވަނީ އޮޅުންފިލުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ގެންދަވަނީ ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

