ކޫއްޑޫ އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނައަދަދެއްގެ ފައިސާތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކޫއްޑޫ އެއާޕޯޓުގެ މޯލްޑިވިއަންގެ މެނޭޖަރު ޝުއައިބު ސިއްދީގު، މަޤާމުގެ މަސްއޫލިއްޔަތްތަކުުން އެކަހެރިކޮށްފިއެވެ.
މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ވިދާޅުވި ގޮތުގައި ވައްކަމުގެ މައްސަލައިގައި ތުހުމަތު ކުރެވި ހައްޔަރުކުރުމާއި ގުޅިގެން ޝުއައިބު ސިއްދީގު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާ ކަމަށާއި އެ މަގާމަށް މިހާރު ވަގުތީ ގޮތުން އެހެން މުވައްޒަފަކު އައްޔަން ކޮށްފައިވާ ކަމަށެވެ. އަދި ކޫއްޑޫ އެއާޕޯޓުގެ މޯލްޑިވިއަންގެ މެނޭޖަރު މެދު އިތުރު ފިޔަވަޅެއް އަޅަން ނިންމާނީ ފުލުހުންގެ ތަހުޤީގު ނިމުމުންކަމަށް މޫސާ ވަސީމް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރަން ކޫއްޑޫ އެއަރޕޯޓަށް ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ގިނައަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވެއެވެ. މިމައްސަލާގައި ވައްކަމުގެ ތުހުމަތުގައި ކޫއްޑޫ އެއާޕޯޓުގައި މަސައްކަތް ކުރާ މޯލްޑިވިއަންގެ މެނޭޖަރާ އެކު އިތުރު ތިން މީހަކު އިއްޔެވަނީ ހައްޔަރުކޮށްފައެވެ.
މިމައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހުންވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. ހަތަރުވަނަ މީހާގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައެވެ.

