ބޫޓާންގެ ބޮޑުވަޒީރުގެ މަގާމަށް ޝެރިންގ ތޮބްގޭ އިންތިޙާބުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
އެމަނިކުފާގެ މެސެޖުގައި، ބޫޓާންގެ ބޮޑުވަޒީރުގެ އައު ޒައާމަތުގައި، ބޫޓާން ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަޤީންކަން އޮތްކަމުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މި ފެށިގެންދާ އައު ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ބޫޓާންގެ ބޮޑުވަޒީރާއެކު ގާތްކޮށް މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާކަމުގައިވެސް މި މެސެޖުގައިވެއެވެ.
އެ މެސެޖުގައި ދިވެހިރާއްޖެއާއި ބޫޓާންއާ ދެ ގައުމަކީ ގާތް ދެ ޤައުމު ކަމުގައި ވިދާޅުވެ، ދެ ގައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށާ ކުރިއަށްއޮތް ދުވަސްތަކުގައި މި ގާތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައިވެސް ވިދާޅުވެފައިވެއެވެ.

