ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ޗައިނާގެ ބެއިޖިންގގައި ދިރިއުޅޭ ދިވެހިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާ ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ބައިވެރިވެފައިވާއިރު ރައީސް ވަނީ ދަރިވަރުން ބޭރު ގައުމެއްގައި ކިޔަވަމުންދާއިރު ކުރިމަތިވާ ދަތިތަކާއި، އެކުދިންގެ ތަޖުރިބާއާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.
އަދި، ބޭރު ގައުމުތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިބައްދަލުކުރެއްވުމުގައި ބައިވެރިވި ފަރާތްތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. .

