ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނަށް އެއްގަމު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރު ހިންގައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ 10 އަދި 11 ވަނަ ދުވަހު ތާޖުއްދީން ސްކޫލު ހޯލުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގުތުން މައުލޫމާތު ދީފައިވާކަމަށާ އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ރޯޑް ޕޮލިހުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ޓެކްސީގެ ހިދުމަތާ އަލަށް ގުޅޭ 543 މީހުން ބައިވެރިވެފައިވެއެވެ.
ޓެކްސީ ޑްރައިވަރުންގެ ތަމްރީނު ޕްރޮގްރާމުގެ ހަތަރު ބުރެއް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެއެވެ. މި ތަމްރީނަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ތަމްރީނެކެވެ.

