ރައީސް މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަތަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަސާސީ ކާބޯތަކެތި ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.
ކާޑުގެ ބާވަތްތައް މިހާރު ރާއްޖެއަށް ގެންނަނީ އިންޑިއާއިންނެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ މިދަނޑިވަޅުގައި ރައީސް ވިދާޅުވީ، ހަޑުލާއި ހަކުރާއި ފުއް ހޯދުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި ހަމައެކަނި އެ ގައުމުން ރާއްޖެ އަށް އަހަރު ދުވަހަށް ބޭނުންވާ ވަރަށްވުރެ 10 އިންސައްތަ އިތުރަށް ހަޑުލާއި ހަކުރާއި ފުށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ސަރުކާރުން ހަދިޔާ ކުރަން ނިންމާފައިވާ ހާމަކޮށްފައެވެ.
"މިއަހަރުގެ ރޯދަ މަހު ފުރަތަމަ ފަހަރަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުއް ބަސްތާއެއް ހަދިޔާ ކުރާނަން. އޭގެ އިތުރު ކަންތައްތައް ވެސް ވާނެ. އަދި މި އަންނަ އަހަރު އެއަށް ވުރެ އިތުރު ވެސް ކުރާނަން،" ރައީސް ވިދާޅުވިއެވެ.

