މިއަދުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ މި ސަރުކާރަށް، ރައްޔިތުން އޮތް އިތުބާރު ގެއްލިގެން ނޫން ކަމަށާއި ސަރުކާރު އެކުލަވާލުމުގެ މަރުހަލާ ގައި ޕާޓީގެ އާންމު މެންބަރުންނާއި ގުޅުން ހީނަރުވެ ފޯކަސް ގެއްލިގެން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އިންތިހާބުގެ ނަތިއްޖާއިން ލިބުނީ ފިލާވަޅެއް ކަމަށާއި، އެ ފިލާވަޅުގެ ބޭނުން ހިފައިގެން ކުރިއަށް އިންތިހާބުތައް ކާމިޔާބުކުރުމުގެ މަސައަކްކަތް ކުރާނެ ކަމަށެވެ.
އެ ނަތިއްޖާ އަކީ މާލޭގެ ރައްޔިތުން އިތުބާރު ސަރުކާރާ ދޭތެރޭގައި އޮތް އިތުބާރު ގެއްލިފައިވުން ކަމަށް ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ގަބޫލެއް އެހެންކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
މައިގަނޑު ސަބަބަކީ މަސައްކަތްކުރަންވާ ވަރަށް މަސައްކަތް ނުކުރެވެމުގެ ނަތިއްޖާ، ސަރުކާރުގެ ސިޔާސަތައް އިތުބާރު ނެތީއެއް ނޫން، ރައީސަށް އިތުބާރު ނެތުނީއެއް ނޫން. ރައީސް ހިދުމަތެއް ނުކޮށްދެއްވައިގެނެއް ނޫން-؛ އަބްދުއް ރަހީމް –
އަބްދުއްރަހީމް ވިދާޅުވީ ހިޔާލު ތަފާތުވިޔަސް ރައިސް މުއިއްޒު މާލެއަށް ގެންނަން ބޭނުންވާ ތަރައްގީ ގެނައުމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އާޒިމް، ރައީސަށް ދެއްވާފައިވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަންގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްއެވެ. އާޒިމް ވަނީ 7،621 ވޯޓު ހޯއްދަވައިފައެވެ. އެއީ، ވޯޓުލާން ނުކުތް 17،500 މީހުންގެ ތެރެއިންނެވެ. ޕީއެންސީގެ ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 5،032 ވޯޓެވެ.

