ކުރިއަށް އޮތް މަޖިލިސް އިންތިހާބު ބޮޑު ތަނުން ކާމިޔާބުކޮށް ގިނަ އަދެއްދެއްގެ ގޮނޑި ހޯދާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ވަނީ ކާމިޔާބު ކުރައްވާފައެވެ.
“ކާމިޔާބާއެކު ދެން އޮތް މަސައްކަތަކީ މަޖިލީހުން ރަނގަޅު އަދަދެއް ހޯދައި ސަރުކާރު ޖަވާބުދާރީ ކުރުވުން،” ފައްޔާޒް އިސްމާއީލް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ މޭޔަރު އިންތިހާބުގައި މާލޭގެ ރައްޔިތުން ސަރުކާރަށް ދިނީ މުހިންމު މެސެޖެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތައް އިތުރު ގިޔަރަކަށް ޖައްސާނެ ކަމަށާއި އެގޮތުން އަތޮޅުތަކަށް އަންނަ ހަފުތާގައި ދަތުރުތައް ފަށާނެ ކަމަށެވެ.
އެ ގޮތުން ފުރަތަމަ ދަތުރު ރާވާފައިވަނީ ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި އާދަމް އާޒިމް އަށް 7،621 ވޯޓު ލިބިވަޑައިގެންނެވި އެވެ.

