ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް މިއަދު ހުޅުވާލަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ތަރައްޤީކޮށްފައިވާ އާ ކާގޯ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމައި، މިއަދު އެތަން ހުޅުވަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށްގެންދިޔަ އެ މަޝްރޫޢުގެ ބިންގާ އެޅީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެހެންނަމަވެސް ފާއިތުވި 5 އަހަރު މި މަސައްކަތުގެ ސްޕީޑް ލަސްވެ މަޑުޖެހިފައި އޮތުމުން މިތަން ނުހުޅުވި ލަސްވީކަމަށް އެއާޕޯޓް މުވައްޒަފުން ބުނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބަލަހައްޓާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އެ ޓާމިނަލްގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އެހެންވެ، އެތަން ހުޅުވުމަށް މިއަދު ހަވީރު ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް އެމްއޭސީއެލް އިން ވަނީ ނިންމާފަ އެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، ރަސްމިއްޔާތުގައި އާ ކޯގާ ޓާމިނަލް ހުޅުވައިދެއްވާނީ ރައީސް މުޢިއްޒުއެވެ.
ހުޅުލޭ އައިލެންޑް ހޮޓާ (އެޗްއައިއެޗް) އާ ކައިރީގައި ހަދާފައިވާ އާ ޓާމިނަލް މިހާރު ބޭނުންކުރާ ކާގޯ ޓާމިނަލަށްވުރެ ގާތްގަނޑަކަށް ތިން ގުނަ ބޮޑުވާނެ އެވެ. އެތަނުގައި އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭނެ ޖާގަ އޮންނާނެ އެވެ.
ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރޭގައި އާ ކާގޯ ޓާމިނަލުގެ އިތުރުން އާ ރަންވޭގެ މަސައްކަތާއި، ފިއުލްފާމްގެ މަސައްކަތް ވެސް ހިމެނެ އެވެ. އާ ރަންވޭ މިހާރު ވެސް ބޭނުންކުރަމުން ދާއިރު އާ ފިއުލް ފާމްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ކައިރިވެފަ އެވެ.
