މިއަހަރުގެ ފުރަތަމަ 9 ދުވަސް ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި ލައްކައަށްވުރެ މަތިވެއްޖެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަަހަރު އެވްރެޖްކޮށް ދުވާލަކު 5665 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ 2023 ވަނަ އަހަރުގެ ފުރަތަމަ 9 ދުވަހާއި އަޅާބަލާއިރު %6.4 އިތުރުވުމެކެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 47،931 ފަތުރުވެރިންނެވެ. އަދި 2022 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 43،079 ފަތުރުވެރިންނެވެ.
މިއަހަރުގެ ފުރަތަމަ 9 ދުވަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރާޝިޔާއިންނެވެ. އެއީ 7601 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިޓަލީން 7204 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އިރު 3791 ފަތުރުވެރިންނާއެކު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިޔާއިންނެވެ.
މިއަހަރު ގެ ފުރަތަމަ 9 ދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން ޒިޔާރަތްކުރި އިތުރު ޤައުމުތައް:
* އިނގިރޭސިވިލާތް: 3753 ފަތުރުވެރިން
* ޖަރުމަނުވިލާތް: 3178 ފަތުރުވެރިން
* އެމެރިކާ: 1996 ފަތުރުވެރިން
* ޗައިނާ: 1676 ފަތުރުވެރިން
* ފްރާންސް: 1402 ފަތުރުވެރިން
* ކަޒަކިސްތާން: 1332 ފަތުރުވެރިން
* ސައުދީ އަރަބިއްޔާ: 1182 ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 6640 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.

