ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ގދ މަޑަވެލި އަދި ހޯނޑެއްދޫ އަށް ކަރަންޓް ދިނުމަށްޓަކައި މަސައްކަތް ފަށާފައިވާ ސެންޓްރަލް ޕަވަރ ހައުސް އަށް ވެރިކަން ބަދަލުވުމާއި ހަމަޔަށް 22 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ގދ.މަޑަވެލި /ހޯޑެއްދޫ ސެންޓްރަލް ޕަވަރ ހައުސް
ޖުމްލަ ބިލްޓްއަޕް އޭރިއާ: 1418.12 އަކަމީޓަރު
މާކޭޓު އަގު: 22،133،733.34 ރުފިޔާ
މުވައްޒަފުންގެ ޖުމްލަ ޚަރަދު: 13,484,086.93 ރުފިޔާ
ޕެޓީ ކޭޝް: 423،401.18 ރުފިޔާ
މެޓީރިއަލް އަގު: 2,821,089.86 ރުފިޔާ
ޖުމްލަ ޚަރަދު: 22,666,587.31 ރުފިޔާ
މިވަރުގެ އަދަދެއް ހަރަދުކޮށްފައިވާ އިރު އެސަރަހައްދުގެ ފޮޓޯއިން ފެންނަ ގޮތުގައި ހަމައެކަނި ކުރެވިފައިވާ މަސައްކަތަކީ ބޮޑު ވަޅުގަނޑެއް ކޮނުމެވެ. މިއީ ލީން ކޮންކްރީޓް އެޅުމަށްޓަކައި ކޮށްފައިވާ މަސައްކަތެއް ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.
މިމަސައްކަތަށް ނަގާފައިވާ ކޮންޓްރެކްޓް މުވައްޒަފުންނަށް 13 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަނުންވަނީ ހއ ދިއްދޫގައި އިމާރާތްކުރަމުންދާ އިންޖީނުގެ މަސައްކަތައް ނަގާފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް އާނުކުރަން ނިންމާފައެވެ.
ހއ ދިއްދޫގައި އިމާރާތްކުރަމުންދާ އިންޖީނުގެ އަކީ 1477 އަކަމީޓަރުގެ އިންޖީނުގެއެކެވެ. އަދި މިއީ ކުންފުނީގެ ފަރާތުން އިމާރާތް ކުރަމުންދާ އިންހައުސް ޕްރޮޖެކްޓް އެވެ.
މިފަދަ މަސައްކަތްތަކަށް މުވައްޒަފުން ނެގުމާއި ބެލެހެއްޓުމަކީ ފެނަކައިން ކުރަމުންދާ މަސައްކަތެކެވެ.
މިސައިޒުގެ އިންޖީނުގެއެއް ކޮންޓްރެކްޓް އުސޫލުން ކުރާނަމަ މާކެޓްގެ އަގުންނަމަ 23 މިލިއަން ރުފިޔާ އަށް ނިމޭނެކަމަށް މުއާޒް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރުވެސް މުވައްޒަފުންގެ މުސާރައާއި އެކު 49 މިލިއަން ދިވެހި ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ޖުމްލަ ބިލްޓްއަޕް އޭރިއާ: 1477.55 އަކަމީޓަރު
މާރުކޭޓު އަގު: 23،061،304.89 ރުފިޔާ
މުވައްޒަފުންގެ ޖުމްލަ ޚަރަދު: 23,269,119.42 ރުފިޔާ
ޕެޓީ ކޭޝް: 428،473.24 ރުފިޔާ
މެޓީރިއަލް އަގު: 19,023,877.96 ރުފިޔާ
ޖުމްލަ ޚަރަދު: 49,354,422.80 ރުފިޔާ
ކޮންޓްރެކްޓް ސްޓާފުންގެ އަދަދު :70
މި ސަބަބުތައް މިހެން ހުރުމާއެކު އަދި ސައިޓުގެ މަސައްކަތް ހުއްޓިފައިވާތީ އިތުރަށް ކޮންޓްރެކްޓް އާނުކުރަން ނިންމާފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ.

