ރާއްޖޭގެ އިޤްތިސޯދު ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއިން ތަޢުރީފާއި ޝުކުރު އަދާކޮށްފިއެވެ.
ދިވެހި ވިޔަފާރިވެރިންގެ ޖަމިއްއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޖަމްޢިއްޔާގެ ރައީސް ޝަހްމީދު އަބްދުﷲ ވިދާޅުވީ، ސަރުކާރުން ގެންގުޅުއްވާ އިޤްތިސޯދީ ސިޔާސަތުތަކާމެދު އެ ޖަމިއްޔާއިން ހިތްހަމަ ޖެހޭކަމަށެވެ. އަދި އެ ދާއިރާއިން ސަރުކާރުން ނަންގަވަމުންދާ ފިޔަވަޅުތަކަކީ ރާއްޖޭގެ މުސްތަޤުބަލަށް މުހިންމު އަދި ޤައުމުގެ އިޤްތިސޯދީ މުސްތަޤުބަލު އުޖާލާވާނެ ފިޔަވަޅުތަކެއްކަމަށްވެސް އެމަނިކު ވިދާޅުވިއެވެ.
“އެންމެފަހުން ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. ސަރުކާރުން މިހާރު ނަންގަވަމުންދާ އިޤްތިސޯދީ ފިޔަވަޅުތަކުގެ ސަބަބުން ދުރު މުސްތަޤުބަލުގެ އުޖާލާކަން އަޅުގަނޑުމެނަށް ފެންނަމުން އެބަދޭ.” ޝަހްމީދު ވިދާޅުވިއެވެ.
މީގެއިތުރުން ޝަހްމީދު ވިދާޅުވީ ވިޔަފާރިވެރިންގެ ތެރޭގައި ތިބި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް މިހާރު އޮތް ދަތި ކަމަކީ ޑޮލަރުގެ ތާށިކަމާއި ޑޮލަރުގެ އަގު އުފުލިގެންދާ ދިއުމުގެ އިތުރުން ތަކެތީގެ އަގަށް އަންނަ ބަދަލުކަމަށާއި ނަމަވެސް ސަރުކާރުން ނަންގަވަމުންދާ މުހިންމު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިސޯދު އިތުރަށް ހަރުދަނާވެ، ޑޮލަރުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓި، އާންމު ރައްޔިތުންނަށް ހެޔޮ އަގެއްގައި މުދާ ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް ގަބޫލުކުރާ ކަމަށެވެ.
ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއަކީ ރާއްޖޭގެ ވިޔަފާރީގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިސޯދީ ތަރައްޤީއަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.

