ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ސަރުކާރަކުން މާލެ ސިޓީ ކައުންސިލަށް ނުފޫޒެއް ނުފޯރުވާ ކަމަށް، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުން ހިންގަމުންދާ ބައެއް ބޮޑެތި މަޝްރޫޢުތައް، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ގެންދިޔައީ ސަރުކާރުން ނުފޫޒް ފޯރުވައިގެން ކަމަށް ބުނެވޭ ވާހަކަތަކަށް ރައްދު ދެއްވައި، މިވަގުތު އެ ކައުންސިލްގެ އެކްޓިންގ މޭޔަރ ކަމުގެ މަގާމުވެސް ފުރުއްވަމުންދާ ނަރީޝް ވިދާޅުވީ، ކައުންސިލުން އެ ނިންމުންތައް ނިންމީ ކައުންސިލް ފްލޯރއަށް ހުށައަޅައި މަޝްވަރާކުރުމަށް ފަހު ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިޔަތުން އެގޮތަށް ބޭނުންވުމުން ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ ބައްދަލުވުމުގައި އެ ކައުންސިލުން ވަނީ، ކައުންސިލުން ކުރިއަށް ގެންދާ 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑެތި ބައެއް މަޝްރޫއުތައް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމާފައެވެ.
މި ނިންމުމާއި ގުޅިގެން އިންތިޚާބީ މޭޔަރު އާދަމް އާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވަނީ ކައުންސިލް ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެހެންނަމަވެސް އާޒިމްގެ މި ތުހުމަތުތައް މާލެ ސިޓީކައުންސިލުން ވަނީ ދޮގުކޮށްފައެވެ.
"މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް، އަދި ޤާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް، ރައީސްއޮފީހުގެ ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލަން. އަދި މާލޭ ރައްޔިތުން އިންތިހާބުކޮށްފައިވާ މޭޔަރ މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ދަންނަވަން" އާޒިމް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ނަރީޝް ވިދާޅުވީ، ކައުންސިލުން އެ ނިންމުންތައް ނިންމީ ކައުންސިލް ފްލޯރއަށް ހުށައަޅައި މަޝްވަރާކުރުމަށް ފަހު ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިޔަތުން އެގޮތަށް ބޭނުންވުމުން ކަމަށެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން ހިންގާ ބޮޑެތި މަޝްރޫއުތަކުގައި ކައުންސިލުން އެއްބަސްވެފައިވާ އެއްވެސް ކަމަކަށް ބަދަލެއް ނުގެނެސް، މަޝްރޫއު މެނޭޖްކުރުން ވަގުތީ ގޮތުން މިނިސްޓްރީއާ ހަވާލުކުރުމަށް ހުށަހަޅާފައިވާއިރު، އެ ހުށަހެޅުން އޮތް ގޮތަށް ފާސްކުރުމަށް ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވުމުން އެކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހްމަދު އައިފާނު ވަނީ ތާއީދު ކުރައްވާފައެވެ.
"ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ" އަހުމަދު ނަރީޝް ވިދާޅުވިއެވެ.
މި ހުށަހެޅުމަށް ޑެޕިއުޓީ މޭޔަރު ނަރީޝް ވޯޓަށް އެއްސެވުމުން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ ތެރެއިން އެއް ކައުންސިލަރ ފިޔަވައި އެހެން އެންމެން ވަނީ އެކަމަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ.

