2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިންތިޚާބީ މަރުހަލާގައި މަސައްކަތް ކުރައްވަން ބޭނުންވާ އޮބްޒާވަރުންނާއި، މޮނިޓަރުންނަށް ވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރުނުކޮށްފިއެވެ.
މާރޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިންތިޚާބީ ކަންކަން އޮބްޒާވްކޮށް މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ބައިނަލްއަޤްވާމީ އެސޯސިއޭޝަންތަކާއި ސޮސައިޓީތަކާއި ބޭރުގެ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މި މަހު 17 ވަނަ ދުވަހުއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ މި ކަމަށް ޝައުގު ވެރިވާ ފަރާތްތަކުން ފޯމު ބަލައިގަތުން އޮންނާނީ 30 ޖެނުއަރީ އިން 16 ފެބްރުއަރީ 2024 ގެ ނިޔަލަށް ކަމަށެވެ.
އެހެންކަމުން އޮބަޒާވަރުންނާއި މޮނީޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ
- އުމުރުން 18 އަހަރު ފުރިފައިވުން
- ބައިނަލްއަޤްވާމީ އެސޯސިއޭޝަންތަކާއި ސޮސައިޓީތަކުގެ މަންދޫބުން، އެ އެސޯސިއޭޝަންތަކަށް ނިސްބަތްވާ އެސޯސިއޭޝަންތަކުން އެކްރެޑިޓްކޮށްފައިވާ އިންތިޚާބީ ޙަރަކާތްތަކާ ގުޅުންހުރި ފަރާތަކަށްވުން
- ކުރިމަތިލާ ފަރާތްތަކަކީ އެއްވެސް ކެނޑިޑޭޓަކަށް ކެމްޕެއިން ކުރުމުގައި ބައިވެރިވާ ފަރާތަކަށް ވެގެން ނުވުން.
މީގެ އިތުރުން ބައިނަލްއަޤްވާމީ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ކުރިމަތިލުމުގެ އުޞޫލުތަކަކީ:
- ފޯމު ހުށަހަޅާ ފަރާތުގެ ޕާސްޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފޯމުގެ ތަފްސީލް ޖަހަން ޖެހޭ
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ޖެހޭ އެޓޭޗްމަންޓްތަކަކީ ޝަރުތުތައް ފުރިހަމަވާ އަދި ފައިލް ސައިޒުން 10 އެމްބީއަށް ވުރެ ބޮޑު ވެގެން ނުވާނެ އެޓޭޗްމަންޓްތައްވާން ޖެހޭ.
- މަދުވެގެން 6 މަސް ދުވަހުގެ ވެލިޑިޓީ (ޕީޑީއެފް ފޯމެޓުގައި) އޮންނަ ޕާސްޕޯޓުގެ ކުލަ ސްކޭން އެއް
އެމީހަކު ތަމްސީލުކުރާ މުއައްސަސާގެ އެކްރެޑިޓޭޝަން ލިޔުން. މި ސިޓީގައި ފޯމު ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ޕާސްޕޯޓް ނަންބަރާއި މަގާމު ހިމަނަންވާނެ އެވެ. އެ ލިޔުމަކީ ތަމްސީލުކުރާ މުއައްސަސާގެ ރަސްމީ ލެޓަރހެޑްގައި ހުންނަންޖެހޭ ލިޔުމަކަށް ވާންޖެހޭނެ ކަމަށާއި ރަސްމީ ސްޓޭމްޕް ވެސް ޖަހާފައި ހުންނަން ވާނެ ކަމަށް ވަނީ ބުނެފައެވެ.
އެމީހެއްގެ ހުރިހާ ޚަރަދެއް، ވިސާ އަދި އިންޝުއަރެންސް އުފުލަންޖެހޭނީ އޮބްޒާވަރު/އަމިއްލައަށް ނުވަތަ އޭނާ ތަމްސީލުކުރާ މުއައްސަސާއަކުން ކަމަށާއި، އެކްރެޑިޓް ކޮށްފައިވާ ބައިނަލްއަގުވާމީ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ކުރު ސެޝަންތަކެއް އެ ކޮމިޝަނުން ހަމަޖައްސައިދޭނެ ކަމަށް ވެސް އީސީން ބުނެއެވެ.

