ތައިލެންޑާއި ޔޫއޭއީއަށް ބަލިމީހުން ފޮނުވުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމަށް އާސަންދަ ކުންފުނިން އެއްބާރުލުން ދޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދަ ކުންފުނިން ބުނީ އާސަންދަ ސްކީމްގެ ދަށުން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން މިވަގުތު ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާ އަދި ސްރީލަންކާއަށް ކަމަށެވެ. ނަމަވެސް އާސަންދަ ނިޒާމު ހަރުދަނާ ކޮށް ސަރުކާރުން މިހާރުވަނީ ތައިލެންޑާއި، ޔޫއޭއީ އަށް ބޭސް ކުރުމަށް ދެވޭ ގޮތަށް ނިންމާފައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ތައިލެންޑް އަދި ޔޫއޭއީ އަށްވެސް އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީވެ އެކަމުގައި އެއްބާރުލުން ދޭނެ ކަމަށް ބުނެފަވެއެވެ.
މީގެ ކުރިން ފަރުވާ ހޯދުމަށް ދާ ގައުމުތައް ކަމުގައިވާ އިންޑިއާ އަދި ސްރީލަންކާ ނޫން އެހެން ޤައުމުތަކަށް ބަލިމީހުން ފޮނުވަން އާސަންދަ ކުންފުނިން “ދެކޮޅު” ކަމުގައި ބައެއް ފަރާތްތަތަކުން ފަތުރަމުންދާތީ އެއީ ހަގީގަތެއްނޫން ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.
އާސަންދައިން ބުނީ މި މައުލޫމާތަކީ މީގެ ކުރިން މީޑިއާއަށް އެކުންފުނިން ދީފައިވާ މައުލޫމާތަކަށް ބެލުމަށްފަހު ދެކެވޭ ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ސަރުކާރުން އާސަންދަ އިތުރު ގައުމުތަަށް ދޭން ނިންމުމުގެ ކުރިން އާސަންދަ ކުންފުނިން މީޑިއާއަށް ދެއްވި މައުލޫމާތެއްގެ މައްޗަށް ބިނާ ކޮށް ދެކެވޭ ވާހަކަތަކެއް ކަމަށެވެ.
އާސަންދައިން ބުނީ އެއީ އެކަން ކުރަންވާ ގޮތެއް ނޫން ކަމަށާއި، އެ ކަމަކީ އާސަންދަ ކުންފުނިން “ދެކޮޅު” ކަމެއްގެ ގޮތުގައި ޢާއްމުންނަށް ސިފަވާހެން ޚަބަރު ފެތުރުމަކީ ކަމުގެ ޙަޤީޤަތް އޮޅި ރައްޔިތުންގެ ހިތްތަކުގައި ނުތަވަސްކަން އުފެދޭނެ ކަމަކަށްވާތީ މިފަދަ ޚަބަރުތައް ގެނެސްދޭއިރު އާސަންދައިގެ ބަހެއް ހޯއްދަވާ، ކަމުގެ ޙަޤީޤަތް ސާފުކުރުމަށެވެ.

