ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ވެސް ރައްޔިތުންގެ ފައިދާއަށްޓަކައި ކައުންސިލްތަކަށް ދޫކުރެވޭ ގޮތަށް ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ މަސައްކަތްތައް ފިޔަވައި އެހެން ބޭނުންތަކަށް ފަޅު ރަށްތައް ދޫކުރަން މިއަދު ހެދި ގަވާއިދުގައިވާ ގޮތުން ގަވާއިދުގައިވާ ގޮތުން ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް އާންމު ފައިދާއަށްޓަކައި ކައުންސިލްތަކަށް ދިނުމުގެ ބާރު ސަރުކާރަށް އޮންނާނެ އެވެ. އަދި ކައުންސިލްތައް ނޫން އަމިއްލަ ފަރާތްތަކަށް ވެސް މިގޮތަށް ފަޅު ރަށްތައް ދޫކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދުގައިވާ ގޮތުން ކައުންސިލްތަކަށް ފަޅު ރަށްތައް ދޫކުރާނީ ޕްރޮޕޯސަލް ހުށައެޅުމުން ވަޒަންކުރުމަށް ފަހުގަ އެވެ. އަދި ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ރަށްތައް ދޫކުރާނެ ފަރާތެއް ކަނޑައަޅާނީ ލޯގަލް ގަވަނަންސް މިނިސްޓްރީންނެވެ. ނަމަވެސް މިގޮތަށް ދޫކުރެވޭނެ ރަށްތައް ކަނޑައަޅުއްވާނީ ރައީސެވެ.
ގަވާއިދުގައިވާ ގޮތުގައި ފަޅު ރަށެއް ހޯދުމަށް ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ފާސްކުރަން ޖެހޭނެ އެވެ. އަދި ކައުންސިލަށް ރަށް ދޫކުރަށް އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
މީގެ ކުރިން ހަމައެކަނި ފަޅު ރަށްތައް ކައުންސިލަށް ދޫކުރީ ރައްޔިތުންނަށް އެ ރަށްރަށުގައި ކުރެވެނީ މަދު ކަންތައްތަކެއް ކަމަށް ވިޔަސް، އާ ގަވާއިދުގެ ދަށުން އެފަދަ ރަށްރަށުގައި ގިނަ ކަންތައްތަކެއް ކުރެވޭނެ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެއީ:
– ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން
– ތަކެތި ގުދަންކުރުން
– ކުކުޅާއި ގެރިބަކަރި އަދި ދޫނި ގެންގުޅުން
– މަސް ކައްކައި ހިއްކުން
– ލޮނުމަހުގެ މަސައްކަތް ކުރުން
– ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން
– އެކުއަކަލްޗާގެ މަސައްކަތް ކުރުން
– ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން/ ދިރޭމަސް ގެންގުޅުން
– އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން
– ފައިބަރާއި ވަޑާމާއި އެޅިގަލުގެ މަސައްކަތާއި ވޯކްޝޮޕްތައް ހެދުން
– ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ހދުމަތް ދިނުން
– ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން
ގަވާއިދުގައިވާ ގޮތުން ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރާނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ކައުންސިލްތަކުން އެ ރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

