އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އެކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަނުން ނެރުނު އިއުލާނެއްގައި ބުނީ އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަނުކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން ޖަނަވަރީ 30 ވާ އަންގާރަ ދުވަހުގެ 12:30 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނު ކޮށްފައިވާ ކަމަށެވެ.
އިލެކްޝަނުން މިއަދު މެމްބަރު ކަމަށް ހުޅުވާލާފައިވާއިރު، (އީސީ)ގެ ނައިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި އިސްމާއީލް ހަބީބްގެ ދައުރު ވަނީ ހަމަވާން ކައިރިވެފައެވެ.
އީސީގެ މެންބަރުކަމަށް ޢައްޔަނުކުރާ މީހުންގެ ކިބައިގައި، ހުންނަންވާނެކަމަށް ބަޔާންކޮށްފައިވާ ސިފަތަކަކީ މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތަކު ކަމުގައިވުން އަދި އުމުރުން 25 އަހަރު ވެފައިވުމުގެ އިތުރުން އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމެވެ.
މީގެ އިތުރުން ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ވެސް އެމީހަކު ވެގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ވެސް އެމީހަކި ވެގެން ނުވާނެއެވެ.
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 5 އަހަރު ވެފައިވާ މީހަކު ކަމުގައިވުމާއި އެކު، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.
އީސީން ބުނީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުމަށެވެ. ހާއްސަކޮށް މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު އަދި ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމުވެސް ހުށައަޅަން ޖެހެއެވެ. އަދި މީގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އީސީން ސާފުކުރަންޖެހޭ ފޯމާއި، އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރުވެސް ބޭނުން ވާނެ ކަމަށް އެ އިއުލާނުގައި ފާހަގަ ކޮށްފައި ވެއެވެ.
ކުރިމަތިލާން އެދޭމީހުންގެ ފޯމު ބަލައިގަތުން 29 ޖަނަވަރީ ވާ ހޯމަ ދުވަހާއި އަދި 30 ޖަނަވަރީ ވާ އަންގާރަ ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުގައި ކުރިއަށް ދާނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

