77 އިމާމުން ބައިވެރިވާ ގޮތަށް ގއ. އަތޮޅުގައި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެބޭފުޅާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ އިމާމުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢެއް އިޢުލާންކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެ ޕްރޮގްރާމް އަމާޒުކުރާނީ ޒަމާނީ ދީނީ ގޮންޖެހުންތަކާއި އިލްމީ، އަޚްލާޤީ، ފިޤުހީ މައްސަލަތަކަށް އަމާޒުކޮށްކަމަށެވެ.
ޝަހީމް ވިދޅުވީ ފުރަތަމަ ބުރު ފެބްރުއަރީ މަހު ގއ. އަތޮޅުގައި ފެށިގެން ދާގޮތަށް ކަނޑައަޅާފައިވާ ކަމަށާއި، އެގޮތުން ފުރަތަމަ ބުރުގައި 77 އިމާމުން ބައިވެރިވާނެ ކަމަށެވެ. އަދި ރާއްޖޭގައި މިވަގުތުވެސް 800 އެއްހާ އިމާމުން ހަރަކާތްތެރިވަމުންއަންނަ ކަމަށްވެސް ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.
އިސްލާމް ދީނުގެ ކަންކަމަަށް ދިވެހިން ހޭނުމަށާއި، މައުލޫމާތު ލިބިފައިވާ އިސްލާމީ މުޖުތަމައު އެއް ބިނާ ކުރުމަކީ މި ސަރުކާރުގެ އެއްމެ ބޮޑު އެއް އަމާޒެވެ. އެގޮތުން ސަރުކާރުން މިހާރުވެސް ވަނީ އިސްލާމް ދީންކުރި އެރުވުމައްޓަކާއި ގިނަ ގުނަ މަސައްކަތްތަކެއް ފައްޓަވާފައެވެ.

