އިހުސާން ވިދާޅުވީ މި ސަރުރުކާރުގެ ހާއްސަ އަމާޒު ތަކެއް އެބަ އޮތް ކަމަށާއި، އެގޮތުން ރާއްޖޭގައި ހުރި ހުރިހާ ޖަލުތައް އެއްކޮށް، މައި އެއް ޖަލު ހަދާ، އެޖަލަކީ ސެންޓްރަލް ޖަލުގެ ގޮތުގައި ތަރައްގީކުރުމަކީ އަމާޒެއް ކަމަށެވެ.
އިހުސާން މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުނެވެ. މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް މިސަރުކާރުން މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ޤައިދީން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ދިރާސާ ކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ. ރައީސް މުޢިއްޒުގެ އެންމެ މުހިއްމު އެއް ވިސްނުންފުޅަކީ ރަށްރަށުގައި ވަކިވަކިން ހެދިފައިހުރި ޖަލުތައް އެއްކޮށްލުން ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވީ މިހާރު ހިނގަމުންދާ ޖަލުތައް އެއްކޮށްލާނެ ކަމަށެވެ، އަދި ދޫނިދުއާއި، ހިންމަފުއްޓާއި މާފުށީގެ އިތުރުން ހުޅުމާލޭގައި މިވަގުތު ޖަލުތައް ހިންގަމުންދާއިރު، އެހުރިހާ ޖަލުތަކެއްގައިވެސް ޖާގައިގެ ދަތިކަން ތަހައްމަލުކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މައި އެއްޖަލެއްގެ ގޮތުގައި ސެންޓްރަލް ޖަލު ތަރައްގީ ކުރެވުމުން، ވަކިވަކި ޖަލުތަކަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަވެ އެކަށީގެންވާ ޚިދުމަތް ހަރުދަނާ ގޮތެއްގައި ޤައިދީންނަށް ދެވިގެންދާނެ ކަމަށް އިޚްސާން ވިދާޅުވިއެވެ.

