މަސްވެރިންނަށް ލިބޭ ފައިސާ ދާއިމީ ގޮތެއްގައި ވަގުތުން މަސްވެރިއާއަށް ލިބޭނެ ނިޒާމެއް ގާއިމްކުރަން ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް ކޮންމެ އޮޑިއަކުން ޑައިވަރަކު ތަމްރީނު ކުރުމުގެ ޕްރޮގްރާމް މިއަދު ފައްޓަވާ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓްރު އަހުމަދު ޝިއާމް ވިދާޅުވީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުވަތަ މަސްކިރާފައި ދޭން ޖެހޭ ފައިސާ ދާއިމީ ގޮތެއްގައި ބަރާބަރަށް މަސްވެރިންނަށް ލިބޭނެ ނިޒާމެއް ގާއިމް ކުރައްވަން ސަރުކާރުން ވަނީ މަސައްކަތް ފައްޓަވާފައިވާ ކަމަށެެވެ.
މީގެ އިތުރުން މަސް ރައްކާކުރެވޭނެ ސްޓޯރޭޖް ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އައިސްޕްލާންޓްތަކާއި، ތެޔޮ ސަޕްލައި ކޮށްދޭނެ ސްޓޭޝަންތައްވެސް ގާއިމް ކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝިއާމް ފާހަގަކުރެއްވީ މި ނިޒާމް ގާއިމް ކުރަން މަސައްކަތް ފަށާފައިވަނީ މަސްވެރިންނަށްހުރި ދަތިތައް ހައްލު ކޮށްދެއްވުމުގެ ގޮތުން ކަމަށެވެ. އަދި މިހާރު ފައިސާ ލިބޭ ގޮތް ލަސް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެހެންކަމުން އެކަން ހައްލު ކޮށްދެއްވާނެ ކަމަށެވެ،
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަމާޒަކީ މަސްވެރިންނަށް ވަގުތުން ވަގުތަށް ފައިސާ ލިބޭނެ ގޮތް ގާއިމް ކުރުމާއި އެކު މަސްވެރިންނަށް ލިބޭ ހިދުމަތްތައްވެސް އެކަށީގެންވާ ގޮތެއްގައި ފުޅާ ކުރުމެވެ.

