ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވެ އެ ކޯޓުގެ ޝަރީއަތްތައް ހުއްޓި، މާލޭ ސަރަހައްދުގެ ޖިނާއީ ހުރިހާ މައްސަލަތަކެއް ހުއްޓިފައި އޮތުމުން ކަންބޮޑުވުން ފާޅު ކުރައްވައި އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން ގޮވާލައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގަޟާއީ އަހަރު 2024 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފާއިތުވި އަހަރު ކްރިމިނަލް ކޯޓަށް 854 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު ކޯޓުގެ އިމާރާތް ބާވެ އެތަނަށް މީހުން ހާޒިރުކޮށް މަސައްކަތް ނުކުރެވޭތީ މައްސަލަތައް ހުއްޓިފައިވާ ކަމަށް ވިދާޅުވީއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިކަމަކީ ޖިނާއީ އަދުލުގެ ނިޒާމް ހުއްޓި މުޖުތަމައުއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.
އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، އެކި ގާނޫނުތައް ތަންފީޒުކުރުމަށް ހުރި ދަތިތަކަކީ ކޮބައިކަން ޝަރުއީ ދާއިރާގެ އެހީތެރިކަމާއެކު ދެނެގަންނަން ޖެހޭ ކަމަށާއި ގާނޫނުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރެވޭނީ ގާނޫނުތައް އެއްކޮށް މުރާޖާކޮށް އިސްލާހުކޮށްގެން ކަމަށެވެ.
ގާނޫނުތައް އިސްލާހު ކުރުމަށް ޝަރުއީ ދާއިރާގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވެފައިވާއިރު ކްރިމިނަލް ކޯޓްގެ މައްސަލަތައް މިހާރުވެސް ވަނީ ހުއްޓިފައެވެ. މޫސުމީ ވިއްސާރައިގެ ސަބަބުން އެ އިމާރާތަށް ފެންވަނުމުގެ ސަބަބުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ކަމާއި ގުޅޭގޮތުން ޕީޖީން ވެސްވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

