މޯލްޑިވިއަންގެ އުޞޫލަށް ބަދަލުގެނެވި، އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މިހާރުވަނީ ހަމަޖައްސާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދަޅުވެއްޖެއެވެ.
އަމީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށްދާ އެއް ކަމަކީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރުން ކަމަށާއި، އެ ޚިދުމަތް 1 މާރިޗް ގައި ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
އަމީން މިއަދު މި ފަދައިން ވިދާޅުވެފައިވާއިރު ގއ. ވިލިނގިލީ ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވި ކަމަށް ބުނެ ގިނަބަޔަކުދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި މިއަދު ނިޔާވި އުމުރުން 13 އަހަރުގެ ކުއްޖާއަށް ވިލިނގިލިން ފަރުވާ ނުލިބި ލަސްވެގެން ގޮސްފައިވާތީ އެ ރަށު ރައްޔިތުން އެއްވެ، އެ ރަށު ހޮސްޕިޓަލުގެ ނަން ބޯޑު ވެސް ވަނީ ބަދަލުކޮށްފައެވެ. އަދި ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާވެސް ކޮށްފައެވެ.
އަމީން ވިދާޅުވީ މިއަދުން ފެށިގެން މޯލްޑިވިއަންގެ އުޞޫލަށް ބަދަލުގެނެވި، އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މިހާރުވަނީ ހަމަޖައްސާފައި ކަމަށެވެ.
މީގެ އިތުރުން ހޮސްޕިޓަލަކުން އިމަރޖެންސީ ކޭސް އެއްގެ މަޢުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އިމަރޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން ކަމަށްވެސް އަމީން ވިދާޅުވިއެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކޮށް ބަލީ މީހުން އުފުލުމުގައި ލުއި ގޮތެއް ކަނޑައެޅުމަކި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

