މިދިޔަމަހު އަލަށް އުފަންވި 205 ޖުއްޖަކަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ( އެސްޓީއޯ ) އިން ހަދިޔާ ފޮށި ދީފިއެވެ.
އެސްޓީއޯ އިން “ފަޚުރުވެރި އާއިލާ”ގެ ނަމުގައި ހަދިޔާކުރާ މި ގިފްޓު ޕެކްތަކުގައި އަލަށް އުފަންވާ ދަރިފުޅުގެ އިތުރުން މައިމީހާ އަށް ބޭނުންވާ ސާމާނު ހުންނާނެ އެވެ.
މިދިޔަ މަހު މި ގިފްޓު ޕެކްތައް 8 ހޮސްޕިޓަލެއްގައި އުފަންވި ކުދިންނަށް ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ކުޅުދުއްފުށީ ހޮސްޕިޓަލް، އުނގޫފާރު ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް، ފުވައްމުލަކު ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ.
މިދިޔަ މަހު އުފަންވި ކުދިންނަށް ބަލާއިރު، ގިފްޓް ޕެކް އެންމެ ގިނައިން ދީފައިވަނީ އަންހެން ކުދިންނަށެވެ. އެގޮތުން 109 އަންހެން ކުއްޖަކަށް ގިފްޓް ޕެކް ދީފައިވާއިރު، 96 ފިރިހެން ކުއްޖަކަށް ގިފްޓް ޕެކް ވަނީ ދީފަ އެވެ.
އެސްޓީއޯގެ އަމާޒަކީ މި ކެމްޕޭން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކަށް ފުޅާކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

