ރާއްޖޭގެ ރައްޔިތުން ޞަދަޤާތާއި ޚައިރާތާއި ހެޔޮކަންކަމަށް ކުރާ ޚަރަދު ރާއްޖޭގެ އެތެރެއަށް ކުރުން ވަރަށް މުހިންމުކަމަށް މިނިސްޓަރ އޮފް އިސްލާމީކް އެފެއާޒް ޑރ މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އެވެ. ޝަހީމް ވިދާޅުވީ އިންސާނީ ޚާއްޞަޙާލަތެއް މެދުވެރިވެފައިވާ ބޭރުގެ ފަރާތްތަށް ވަމުންދާ އެހީތަށް އިސްތިސްނާވެގެންވާ ގޮތުގައި ކަމަށެވެ .
ރާއްޖޭގެ ޤުރުއާން ކްލާސްތަކާއި މިސްކިތްތަކާއި އެދުރުގެތަކާއި ކިތައްމެ ހެޔޮކަމަށް ޚަރަދުކުރެވޭނެ ޙާލަތު އެބައޮތް. އެތަންތަންވަނީ ނުހަނު އެހީތެރިކަމަށް ބޭނުންޖެހިފަ. ރާއްޖޭގެ 700 އެއްހާ މިސްކިތް ހުރޭ. އެތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ވަރަށްބޮޑު ހޭދައެއް ކުރަންޖެހޭ. ރާއްޖޭގެ ކިތައްމެ ޤުރުއާން ކުލާހެއް އެބަހުރި ހުއްޓިފަ. ކިތައްމެ އެދުރުގެއެއް އެބަހުރި ހުއްޓިފަ. ގޮނޑިއާއި އެނޫންވެސް ވަސީލަތްތައް އެތަންތަނަށް ބޭނުންވޭ.
ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އެމީހުންގެ ޞަދަޤާތުގެ ފައިސާ ބޭރަށް ޚަރަދު ކުރާ ކަމަށާއި، މިސްކިތްތަކަށް ނުވަތަ ފެންވަޅު ބެހެއްޓުމަށް ނުވަތަ އެނޫން ވެސް ކަންކަމަށް ހަރަދު ކުރާކަމަށެވެ.
ްައަދި އެއީ ވެސް ރަނގަޅުކަންކަން ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ އެތެރޭގެ ޙާލަތު ވެސް ރިއާޔަތްކުރުން ވަރަށް މުހިންމުކަމަށެވެ.
އިންޝާ ﷲ ކުރިއަށް އޮތްތަނުގައި މިނިސްޓްރީގެ ޗެރިޓީ ފަންޑު ފުޅާކޮށް ފަސޭހައިން ޞަދަޤާތްކުރެވޭނެ ނިޒާމެއް ޤާއިމު ކުރާނަން. ޞަދަޤާތުގެ ފައިސާ ނަގާ އަމިއްލަ ޖަމިއްޔާތަކުން ވެސް ރާއްޖޭގެ އެތެރޭގެ ކަންކަމަށް ޚަރަދުކުރުން މުހިންމުކަމުގައި ދެކެން.
ކުޑަކުދިންގެ ހިޔާއާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުތަށް ރާއްޖޭގައި އެބަހުރި ކަމަށާއި، އެތަންތަނަށް ނުހަނު އެހީތެރިކަން ބޭނުންވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ފަލަސްތީނަށް އެހީވުމަށް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންދަނީ އެހީތެރިވަމުންނެވެ.

