ޖަލުގައި ޙުކުމް ތަންފިޛް ކުރަމުންދާ ޤައިދީންނަށް މަސައްކަތްތައް ދަސްކޮށްދިނުގެ މަޝްރޫޢުގެ ތެރެއިން، ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ފަށައިފިއެވެ.
އެމްސީއެސް އިން މާފުށީ ޖަލުގައި މިއަހަރުތެރޭ ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ދިވެހި ޞަގާފީ މަސައްކަތްތައް ދައްކާލުމަށާއި، މިމަސައްކަތްތައް އާލާކޮށް ދިރުވުމަށް ތައާރަފް ކުރެވުނު މި ކޯހަކީ ޤައިދީންނަށް މަސައްކަތް ދަސްކޮށްދިނުމުގެ ތެރެއިން ކުރިއަށްދާ ހަރަކާތެއް ކަމަށްވެސް އެމްސިއެސްއިން ވަނީ ބުނެފައެވެ.
މި ޕްރޮގުރާމް ފަށާފައިވަނީ މި މަހު 17 ވަނަ ދުވަހުގައެވެ.
ކަސަބު ގެތުން ތަޢާރަފްކޮށްދޭ މި ވޯކްޝޮޕްގައި ބައިވެރިވެފައިވަނީ ފަސް އަންހެން އޮފިސަރުންނާއި ތިން ފިރިހެން އޮފިސަރުންނެވެ. މި ވޯކްޝޮޕްއަށްފަހު، ބައިވެރިވި އޮފިސަރުން 14 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރާނެއެވެ. އަދި ކަސަބު ގެތުން ދަސްކުރުމަށްފަހު، އެ އޮފިސަރުން މެދުވެރިކޮށް ޤައިދީންނަށް މި މަސައްކަތް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިފަދަ ޕްރޮގްރާމް ތަކަކީ ޤައިދީން ޖަލުގައި ހޭދަ ކުރާ ދުވަސްތަކުގައި ފައިދާކުރުވަނިވި ދުވަސްތަކެއްކަމުގައި ހެދުމަށާއި، ކުށްކުރުމުން ދުރުހެލިކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ނިކުމެ އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުމެވެ. މިއީ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ތެރެއިން ކުރިއަށް ގެންދެވޭނެ ވޯކްޝޮޕްތަކެކެވެ.
މި ވޯކްޝޮޕްގައި ކަސަބު ބޯވަޅުގެ ތަޢާރަފް، ބޯވަޅުގެ ބައިތަކާއި ހިރު ތަކުގެ ނަންތައް، ރޮދި އޮޅާނެ ގޮތާއި ހިމަ ހިރު ގަތާ ގޮތް، ލިބާހުގެ އިތުރުން ކަސަބު ބޭނުން ކުރެވޭނެ އެހެން ގޮތްތައް ބައިވެރިންނަށް ތަޢާރަފްކޮށްދިނެވެ.
މާފުށީ ޖަލުގައި ކަލްޗަރަލް ސެންޓަރުގައި މިފަދަ އެހެން ޞަގާފީ މަސައްކަތްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

