ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމް ރަސްމީކޮށް ގދ. މަޑަވެލީގައި ފަށައިފިއެވެ.
މިއީ ކޮންމެ އޮޑިއަކުން ފަޅުވެރިއަކު ތަމްރީނު ކުރުމުގެ ގޮތުން ކުރިއަށްދާ ޕްރޮގުރާމްގެ ތެރެއިން ފުރަތަމަ ފުރަތަމަ ފަށައިގަތުން ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމްއެކެވެ.
މި ޕްރޮގުރާމް ފަށައިގެން ކުރިއަށްދަނީ ގދ. މަޑަވެލީގައެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މި ޕްރިގުރާމްގައި އޮންނަނީ މަޑަވެލީ ކައުންސިލް އިދާރާގަ ކަމަށެވެ. އަދި މި ޕްރޮގުރާމްގައި ބައިވެރިވެފައިވަނީ ގދ. މަޑަވެލި/ހޯޑެއްދޫ ދެ ރަށުގެ ދޯނީގެ ފަޅުވެރިން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މި ދެ ދެރަށުން ޖުމްލަ 8 ދޯނީގެ ފަޅުވެރިންނާއެކު މިހާރު ވަނީ ކޯސް ފެށާފައެވެ.
ޑައިވަރުން ތަމްރީނު ކުރުމުގެ މި ޕްރިގުރާމް އަކީ މަސްވެރިންނަށް ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ މަގްސަދުގައި ސަރުކާރުން ކުރިއަށް ގެންދާ “ރެސްކިޔު ޑައިވަރ” ޕްރޮގްރާމެވެ.
މަސްދޯނި ފަހަރުގެ ފަޅުވެރިންނަށް ހާއްސަކޮށްގެން ރެސްކިއު ޑައިވިން ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން ފާސް ކުރީ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ.
މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި “ރެސްކިއު ޑައިވަރެއް” ހުންނާނެހެން ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު “ރެސްކިއު ޑައިވަރުން” ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ހަދަން ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި ދިޔަ އަހަރު ފާހަގަ ކުރި މަސްވެރިންގެ ދުވަހުގައި ވިދާޅުވެފައެވެ.

