ދިވެހިރާއްޖޭގައި ތަރައްޤީގެ ސަރަހައްދުތަކާއި އަރބަން ސެންޓަރުތައް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމަށް ސަރުކާރުން ނިންމެވައިފިއެވެ.
ސަރުކާރުން ބުނީ މިއީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ވަޒީރުންގެ މަޖިލީހަށް ހުށައަޅައި މަޝްވަރާކުރެވުނު ކަރުދާހެއް ކަމަށެވެ.
އެ ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ދިވެހިރާއްޖޭގައި ތަރައްޤީގެ ސަރަހައްދުތަކާއި އަރބަން ސެންޓަރުތައް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމާ ގުޅޭގޮތުން ގިނަ ކަންތައްތަކެއް ވަޒީރުންގެ މަޖިލީހުގައި ނިންމެވަފާއި ވެއެވެ. އޭގެ ތެރޭގައި ވަކިވަކި އަރބަން ރީޖަންތަކާއި އަދި އަރބަން ސެންޓަރުތައް ކަނޑައެޅުއްވުމުގެ ކަންކަން، ހެއްކާއި ޑޭޓާ ބޭނުން ކޮށްގެން ތަފްސީލީ ސްޓަޑީ ހަދައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރިއަށްގެންދެވުމާއި، އަރބަން ޑިވެލޮޕްމަންޓް ރީޖަންއެއްގައި ހުންނަންވާ ސިފަތައް ނުވަތަ ކްރައިޓީރިއާތަކާއި ލެވަލްތައް ކަނޑައެޅުއްވުން ހިމެނިފައި ވެއެވެ.
މީގެ ތެރޭގައި އަރބަން ސެންޓަރުތައް ޖުމްލަ 3 ދަރަޖައަކަށް ބަހާލުންމަކީ އެއްކަމެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ.

