ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމްގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ބައެއް ކެންޑިޑޭޓުންނަށް ނުދިނުމަށް ޕާޓީގެ ލީޑާޝިޕުން ނިންމުމާ އެކު މައްސަލަ ބޮޑުވުމުން ޕްރައިމަރީން ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ދިނުމަށް ނިންމައިފި އެވެ.
ޕާޓީ ތެރޭގައި ފިތުނު އުފެއްދި ކަމަށް ތުހުމަތުކޮށް އަދި އެކަށީގެންވާ ހިދުމަތެއްކޮށްދީފައިނުވާ ކަމަށް ބުނެ ބައެއް މެންބަރުންނަށް ވާދަ ނުކުރެވޭނެކަން އިއްޔެ ވަނީ އަންގައިފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެ ޕާޓީގެ ލީޑާޝިޕަށް އަމާޒުވި އެވެ.
"ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފި،" ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުالله ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ކެންޑިޑޭޓުންނަށް ވާދަނުކުރެވޭނެކަން އެންގުމަށް ފޮނުވި ސިޓީތަކުގައި ސޮއިކުރައްވާފައި ވަނީ އަބްދުއްރަހީމް އެވެ.
ބައެއް ކެންޑިޑޭޓުންނަށް ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅުމުން ޕީއެންސީގެ އޮފީހުގެ ތެރޭގައި ހޫނު ޒުވާބުތަކެއް ވެސް ހިނގި އެވެ. އަދި، އެކަމުގެ ހިތްހަމަނުޖެހުމުގައި ބައެއް ކެންޑިޑޭޓުން ވަނީ އަމިއްލަ ގޮތުން ވާދަކުރާނެކަން އިއުލާނުކޮށް ޕާޓީއަށް ފާޑުކިޔާފަ އެވެ.

