ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އާމްދަނީ ނުހޯދާ ޚަރަދުތައް އިތުރުވަމުންދާ ކަމަށާއި، އިގްތިސާދަށް އެއީ ރަނގަޅު ގޮތެއްނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.
މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ފުރަތަމަ ދެ މަސް ދުވަހު ސަރުކާރުގެ އާމްދަނީ އިތުރު ކުރުމަށް ކުރި މަސައްކަތަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. ސައިދު މި މޭރުމަުން ސުވާލު ކުރައްވާފައިވަނީ ރާއްޖެއަށް އާމްދަނީ ހޯދޭނެ ގޮތެއް ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ހޯދިފައި ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ފާޑުކިޔުން މި ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.
ސައީދަކީ ރައީސް ޔާމީނުގެ ސަރުކާރުގައިވެސް އިކޮނޮމިކް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ. ނަމަވެސް ސައިދު ވިދާޅުވީ މި ސަރުކާރަކީ ދައުލަތުގެ ހަރު މުދާ ވިއްކާ، ގާނޫނު ތަޅުއަޅުވާފައި ފައިސާ ޗާޕުކޮށް މާލީ ޒިންމާއިން ރެކޭނެ ސަރުކާރެއް ނޫން ކަމަށެވެ.
މި ސަރުކާރުން އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ނުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަންނަނީ ފަސް އަހަރު ވެގެން ދިޔަ އިރުވެސް ނުނިމި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާރމިނަލްގެ މަސައްކަތްތައްވެސް މި އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންކަން ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

