ހުޅުމާލޭގައި ކެޓް ޝެލްޓަރއެއް ހެދުމުގެ އެއްބަސްވުމުގައި ސޮއެ ކޮށްފިއެވެ.
މިއީ ވަގުތީ ގޮތުން ގާއިމް ކުރެވޭ ތަނެއްކަމަށް މާލެސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރއެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއެ ކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްއި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއިލް އެވެ.
އެކަމަށްޓަކާއި މާލެ ސިޓީ ކައުންސިލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސޮއެ ކުރެވިގެންދިޔަ އެއްބަސްވުމަކީ މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ބުޅަލުގެ ސަބަބުން ދިމާވެފައިވާ ބޮޑު މައްސަލައަށް ހައްލެއް ލިބިފައިނުވާތީ ވީހާވެސް އަވަހަކަށް އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އާޒިމް ވިދާޅުވީ މިހާރުވެސް މާލޭ ސިޓީ ސަރަހައްދުގައި ގާތްގަޑަކަށް 3000 ހާހެއްހާ ބުޅާ ތިބޭނެ ކަމަށެވެ.
އާޒިމް ވިދާޅުވީ ކެޓް ޝެލްޓަރ އެޅުމަށް ހަމަޖެހިގެން ދިޔައީ 500 އަކަ ފޫޓުގެ ބިމެއްގައި ކަމަށެވެ. އެބިމުގައި ތަރައްގީ ކުރެވިގެންދާ ބުޅާ ޝެލްޓަރއަށް ބުޅާތައް ގެންގޮސް އެ ބުޅާތަކަށް ފަރުވާދިނުމާއި، ނިއުޓަރ ކުރުމާއި އަދި އެހެނިހެން ގޮތް ގޮތުން ވެސް ދޭން ޖެހޭ ހިދުމަތްތައް ފޯރު ކޮށްދެވޭނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ ބުޅަލުގެ އާބާދީ 3000 ގާތްކުރާއިރު، އަޅާނުލާ ދޫކޮށްލެވިއްޖެނަމަ މިއަހަރު ނިމޭ އިރަށް ބުޅަލުގެ އާބާދީ 9000 އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެންކަމުން މި ޕެޓް ކެއާ ފެސިލިޓީއެއް ގާއިމް ކުރުމަށް މި ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައި ކަމަށްވާތީ އެކަން ވީހާވެސް އަވަސް ހައްލެއް ހޯދާ އެކަން ކުރުމުގެ ގޮތުން މި މަހުގެ 11 ވަނަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއި ކޮށް ބިންވެސް ހަވާލުކޮށްފައި ކަމަށެވެ.

