މިއަދު ޕީޕީއެމްގެ ކޮންގްރެސްގެ ކޯލިޝަނުގެ މަޖިލީސް ޕްރައިމަރީ ކުރިއަށްދާއިރު އަމާންކަމާއެކު ގެންދިޔުމަަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އިލްތިމާސް ކުރައްވައިފިއެވެ.
ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، ބާއްވާ އިންތިހާބަކީ، މިނިވަންކަމާއި، އިންސާފުވެރިކަމާއެކު ބޭއްވޭ ދެފުށް ފެންނަ އިންތިޚާބަކަށް ހެއްދެވުން އެދޭ ކަމަށެވެ.
މީގެ އިތުރުން ކެންޑިޑޭޓުންނާއި ވޯޓުލާމީހުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަމާންކަމާއި އޮމާންކަމާއެކު އިންތިޚާބުގެ ހުރިހާ ކަމެއް ގެންދެވުމަށް ވެސް ދަންނަވާ ހަބީބް ވަނީ ވިދާޅުވެފައެވެ.
މި ޕްރައިމަރީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 227 ވޯޓު ފޮށި ބަހައްޓައެވެ.
މާލޭގައި ވޯޓްލާ އަތޮޅުތަކުގެ ވޯޓް ފޮށި ބައްޓަން ނިންމާފައިވަނީ ހެންވޭރު ފުޓުބޯޅަ ދަނޑުގައެވެ. މީގެ އިތުރުން މާލެ ރައްޔިތުން ވޯޓްލާ ފޮށި ތައް ބަހައްޓަނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލްގެ އިތުރުން ތާޖުއްދީން ސްކޫލާއި ވިލިމާލޭ ޔޫތު ސެންޓަރުގައެވެ. އަދި ހުޅުމާލޭ ކާމިލްދީދީ ސްކޫލާއި ރެހެންދި ސްކޫލުގައި ވެސް ވޯޓުފޮށިތައް ބަހައްޓަން ވަނީ ނިންމާފައެވެ.
ޕީޕީއެމް/ޕީއެންސީ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން އޮތީ މިއަދު ހެނދުނު 10:00 އިން ހަވީރު 17:00 އަށެވެ.
227 ވޯޓު ފޮށި ބެހެއްޓެފައިވާއިރު، 73 ދާއިރާއެއްގެ ޕްރައިމަރީ މިއަދު ކުރިއަށްދާ ކަމަށްވެސް ޕީއެންސީން ހާމަ ކުރެއެވެ.

