އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯނު ދޫކުރެވޭނެ އުސޫލެއް ހިމެނޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގާނޫނަށް ބަދަލުގެންނަން މަޖުލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މިބިލް މަޖުލީހަށް ހުށަހަޅާފައިވަނީ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲއެވެ. މާލިއްޔަތު ޤާނޫނަށް ބަދަލުގެންނަން ހުށަހެޅި މިބިލުގައި ބުނާގޮތުގައި ޤާނޫނުގެ (4) ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް ހަތަރު އަކުރު އިތުރު ކުރަންވަނީ ހުށަހަޅާފައެވެ.
- ފުރަތަމަ އަކުރު: ކައުންސިލަކަށް އަހަރަކަށް ލިބޭ އާމްދަނީން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރުން ހުއްދަ ކުރުން.
- ދެވަނަ އަކުރު: އެއް ކައުންސިލުން އަނެއް ކައުންސިލަށް ދޫކުރާ ލޯނު ނުދައްކައިފި ނަމަ، ލޯނު ދޫކުރި ކައުންސިލަށް އެ ފައިސާ އަނބުރާ ހޯދުމަށްޓަކައި ކައުންސިލްތަކަށް ފައިސާ ދޫކުރާ އިރު، ލޯނު ނުދެއްކި ކައުންސިލްގެ ފައިސާ އިން، ލޯނަށް ދައްކަން ޖެހޭ ބައި އުނިކޮށް، ލޯނު ދޫކުރި ކައުންސިލަށް އެ ފައިސާ ދިނުން.
- ތިންވަނަ އަކުރު: ކައުންސިލަކުން އެހެން ކައުންސިލަކަށް ލޯނު ދޫކުރާ ނަމަ އެ މުއާމަލާތުގެ ހުރިހާ ތަފުސީލެއް ފިނޭންސް މިނިސްޓްރީ އަށް ދޭން ޖެހޭގޮތަށް މާލިއްޔަތު ގާނޫނުގެ ދަށުން އެކުލަވައިލުން.
- ހަތަރުވަނަ އަކުރު: ކައުންސިލަކުން ދަރަންޏަށް ފައިސާ ނަގާ ނަމަ، އެގޮތަށް ފައިސާ ނަގަން ފާސްކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދުން، އަދި ފައިސާ ނަގަން ބޭނުންވާ ލިޔެކިޔުންތައް ވެސް ތައްޔާރުކުރަން ޖެހޭނީ ބިލް ފާސްކުރުމަށް ފަހު ފިނޭންސް މިނިސްޓްރީން ހަދާ ގަވައިދަކާ އެއްގޮތަށްކަން.
ބިލަށް ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ރާއްޖޭގައި 200އަށްވުރެ ގިނަ ކައުނސިލް އޮންނައިރު މިކަހަލަ ލޯނަށް އެދި އަންނަން ފަށައިފިނަމަ އަދި ފިނޭންސުން ހުއްދަ ދޭގޮތަށް އޮންނަނަމަ އެ މިނިސްޓްރީން އެކަމަށް ހޭދަކުރެވޭނީ ގިނަވެގެން ކިހާ ވަގުތެއްކަން ވެސް ކަނޑައަޅަން ޖެހޭކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީގައި ބިލު ދިރާސާކުރާ އިރު، ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެކަމަށް ޓައިމް ފްރޭމެއް ކަނޑައަޅަން ޖެހޭނެ ކަމަށް މެމްބަރު އިލްޔާސް ވިދާޅުވިއެވެ.
މިބިލާ ބެހޭގޮތުން ޔައުގޫބް ވިދާޅުވީ، އެމްޑީޕީން ވައުދުވެފައި ވާނީ ލޯކަލް ކައުލްސިލްތައް އިދާރީ ގޮތުންނާއި މާލީ ގޮތުން ބާރުވެރިކުރުވުން ކަމަށާއި މިއަދު މަސައްކަތް މިކުރަނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވަން ކަމަށެވެ. އަދި މިބިލް ފާސްވެއްޖެނަމަ ކައުންސިލްތައް އެތައް ގުނައަކަށް ބާރުވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

