ސިނަމާލެ ބްރިޖް މެއިންޓަނަންސް މަސައްކަތް އިތުރު 3 އަހަރަށް ހިލޭ ކޮށްދެއްވުމަށް ނިންމައިފިއެވެ.
ޗައިނާ ސަރުކާރުން އަޅާދީފައިވާ ސިނަމާލެ ބުރިޖުގެ މެއިންޓެނެންސް މަސައްކަތްތައް އިތުރު 3 އަހަރަށް ކޮށްދޭން ނިންމާފައިވާކަމަށް މައުލޫމާތު ދެއްވާ އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ، އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
2018 ވަނަ އަހަރު އިންޑިއާ ކަނޑުގައި ބިނާކުރެވުނު އެންމެ ފާހަގަކޮށްލެވޭ ބުރިޖުގެ ނަމުން މަޝްހޫރުވި ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވުމަށްފަހު ޗައިނާއިން އައީ އެއްބަސްވުމާއި އެއްގޮތަށް ބުރިޖުގެ އާބާތުރަ ފިލުވަމުންނެވެ. އޭރު ވެވުނު އެއްބަސްވުމުގައި ވާގޮތުން، ޗައިނާއިން 2 އަހަރު ދުވަހަށް ބުރިޖުގެ މަރާމާތުތައް ހިލޭ ކޮށްދިނުމަށް އެއްބަސްވެފައިވެއެވެ.
އަދި މީގެ އިތުރުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ބުރިޖުގެ މަރާމާތުކުރުމުގެ ކަންކަން ބެލެހެއްޓުމަށް ޗައިނާއިން އިތުރު 3 އަހަރަށް ހިލޭ ކޮށްދޭން ހުށަހެޅި ކަމަށާއިން ނަމަވެސް، އޭރުގެ ސަރުކާރުން އެއްބަސްވުން ހަދާފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާރު އަޅުގަނޑުމެން މި ބަލަނީ ކަމާގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ވީހާވެސް އަވަހަކަށް ސޮއިކުރުމަށް. މިހަފްތާގައިވެސް އަޅުގަނޑުމެންނަށް ހުއްދަތައް ލިބިއްޖެއްޔާ ސޮއިކުރާނަން. ސޮއިކޮށްގެން ބްރިޖްގެ މަރާމާތުގެ މަސައްކަތްތައް ފަށާނަން. މުއްޠަލިބު
ވަޒީރު މުއްޠަލިބު ވިދާޅުވިގޮތުންނަމަ، ޗައިނާއާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން ބުރިޖުގެ މެއިންޓެނެންސް ކަންކަން ހިލޭ ކޮށްދިނުމަށް އެއްބަސްވެފައިވާ 2 އަހަރުދުވަހުގެ މުހުލަތު ހަމަވުމުން ދެން އައި ސަރުކާރު ބުރިޖުގެ މެއިންޓެނެންސް މަސައްކަތް ކޮށްފައެއް ނުވެއެވެ. އެހެންކަމުން، ބްރިޖުގެ ބޮޑުބައެއްގައި ދަބަރުޖަހާ ހާލަތު ދައްވެފައިވެއެވެ.

