މިއީ އާކަމެއް ނޫންކަމަށާއި، އެނބުރި އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ރުހުން ދިނުމަށް ވޯޓަށް އެހިވަގުތު އެމަނިކުފާނު ބައިވެރިވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ނެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޝަހީމަށް ރުހުން އޮތް ކަމަށް 30 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 8 މެންބަރުން ތިއްބެވިއިރު ފާސްވުމަށް 35 ވޯޓު ބޭނުންވެ އެވެ.
ޝަހީމަކީ މި ސަރުކާރުގެ އެންމެ ހިންގުންތެރި އެއް ވަޒީރެވެ. ރުހުން ނެތް ކަމަށް ފާސްކުރި ވަގުތު ވެސް ޝަހީމް ހުންނެވީ މިނިސްޓްރީގެ އިވެންޓެއްގަ އެވެ. އެ އިވެންޓުގައި ޝަހީމް ވިދާޅުވީ އެނބުރި އަދި އަންނާނެ ކަމަށާއި މިއީ އާ ކަމެއް ނޫން ކަމަށެވެ.
ރުހުން ނުދޭން ނިންމީ ޝަހީމުގެ އިތުރުން އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.
ޝަހީމް އިއްޔެ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމްޑީޕީން އެތައް އަހަރެއް ވަންދެން އޭނާގެ އަބުރު ކަތިލައި ދަރީންނަށް ވެސް ދުއްތުރާ ކުރި ކަމަށެވެ. އަދި އޭނާއަކީ ޓެރަރިސްޓެއްގެ ގޮތުގައި 2018 ގެ އިންތިހާބުގެ ދުވަސް ލޭބަލް ކުރިކޮށް، އެންމެ ފަހުން އޯއައިސީގެ ވަޒީފާއަށް ވެސް އެތައް ހުރަހެއް ކުރިމަތިކުރި ކަމަށް ވިދާޅުވި އެވެ.
“އެ ހުރިހާ ކަމެއް ގިރާކޮށް ﷲ ގެ ރަހްމަތުން އިސްލާމީ އުންމަތުގެ ޚިދުމަތުގައި މިހިސާބަށް އައީ. އެމްޑީޕީ އަށް މަޖިލީހުގައި ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރުހުން ނުދިނަސް އަޅުގަނޑުގެ ހިދުމަތަކަށް ކުޑަވެސް ބަދަލެއް ނާންނާނެ،” ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ސުވާލު އުފެއްދެވީ އޭނާއަށް އެމްޑީޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ނަފްރަތުކުރަނީ ނާގާބިލުވެގެންތޯ ނުވަތަ އެއީ ޒާތީ ކަމެއްތޯ އެވެ. އަދި އެއްވެސް އެދެވޭ ސަބަބެއްނެތި އެމްޑީޕީ އިން ރާއްޖޭގެ އިސްލާމީ ކަންކަން ހިންގަން ހުރި އެންމެ އިސް ފަރާތް ދުއްވާލަން އުޅުމުގެ ފަހަތުގައި އޮތީ ސިޔާސީ ސަބަބެއްތޯ ސުވާލު އުފައްދަވައި، އެކަމުގެ ހަގީގަތަކީ ކިބާތޯ ވެސް ސުވާލު އުފެއްދެވި އެވެ.

