ގދ ފަރެސްމާތޮޑާއިން ގޯތި ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާގެ ކައުންސިލް ރައީސް އަހުމަދު އިމްތިޔާޒް ވިދާޅުވީ، އެރަށުގެ ފަރެސް އަވަށާއި މާތޮޑާ އަވަށުން 40 ގޯތި ދޫކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށާއި، ވަރަށް އަވަހަށް އެކަމަށް އިއުލާން ކުރާނެކަމަށެވެ.
“ދެއަވަށުން ގޯތި ބޭނުންވާ 50 ވަރަކަށް މީހުން ތިބޭނެ ކަމަށް ބެލެވޭ. ނަމަވެސް މިވަގުތު ދޫކުރެވެން އޮތީ 2000 އަކަފޫޓުގެ 40 ގޯތި.” ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް
އިމްތިޔާޒް ވިދާޅުވީ ރަށުގައި މިވަގުތު ހުރި ބިމުން 2000 އަކަފޫޓުގެ 40 ގޯތި ދޫކުރުމުން ބިން ފުރުނީ ކަމަށާއި، އިތުރަށް ގޯތި ދޫކުރެވޭނީ ހިއްކައިގެން ކަމަށެވެ. އެގޮތުން ދެރަށުގެ މެދުގައި ހުޅަނގުފަރާތަށް ވާގޮތަށް އޮތް ކަޅައިދޫއާއި ދިމާލަށް އޮތް ތަން ހިއްކުމަށް 5 އަހަރުގެ ޕްލޭންގައި ހިމަނާފައިވާނެ ކަމަށްވެސް އިމްތިޔާޒް ވިދާޅުވިއެވެ.
“އެތަން ހިއްކުމަށް ޕްލޭން ކުރެވެއިރު ކަޅައިދޫއާއި ގުޅުވައިނުލާނެ. އެރަށާއި ފަރެސްމާތޮޑާއާއި ދެމެދު ވާދޫ އިންނަ ގޮތަށް ވޭތޯ ވިސްނަނީ.” ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް
ފަރެސްމާތޮޑާއިން ބިން ދޫކުރުމަށް ނިންމާފައިވަނި ފަރެހުގެ ޖެޓީމަގާއި ދިމާލު އުތުރުން އަދި މާތޮޑާ އަވަށުގެ ހުޅަނގު ފަރާތުން ކަމަށްވެސް އިމްތިޔާޒް ވިދާޅުވިއެވެ.
ފަރެސްމާތޮޑާއަކީ ކުރިން އޮތީ ދެރަށެއްގެ ގޮތުގައެވެ. މިހާރު އެރަށްވަނީ އެއްފަސްކުރެވި އެއް އިދާރީ ދާއިރާއަށް ބަދަލުކޮށްފައެވެ.

