އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނާލްޑް ލޫ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުގެ އެސިސްޓެންޓްސް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އޭޝިއާ އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނާލްޑް ލޫ މިއަދު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި، ރައީސްވަނީ ރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމާމެދު މަޝްވަރާކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ލޫ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އެމެރިކާގެ މެދުގައި އެއްބާރުލުންދިނުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތައް އިތުރުކުރުމަށް އެމެރިކާއިން ޝައުޤުވެރިވާކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ވިޔަފާރިއާއި އިޤުތިޞާދީ ތަރައްޤީއާއި ފަތުރުވެރިކަމުގެ ދާއިރާއާއި އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް އެމެރިކާއިން ޝައުޤުވެރިވާކަން ލޫ ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ދަށުން ރާއްޖެއަށް ފައިދާވާ ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރެވޭނެ ތަރައްޤީގެ މަސައްކަތްތަކަށް އަބަދުވެސް މަރުހަބާ ވިދާޅުވާނެކަން ފާހަގަކުރެއްވުމާއެކު، އެމެރިކާއަށް ޝުކުރުއަދާކުރެއްވިއެވެ.
ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރެއްވުމުގެ އިތުރަށް، ދެ ޤައުމުން ކަންބޮޑުވުން ހިއްސާކުރާ އެކި ކަންކަމާމެދު މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން ރައީސްވަނީ ޣައްޒާގއި އިސްރާއީލުން ހިންގާ އުދުވާން ދާއިމީ ހުއްޓުމަކަށް އައުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވުމާއެކު، ބަރަކާތްތެރި ރަމަޟާންމަސް ކުޑަތަންވަމުން އަންނަކަން ފާހަގަކުރައްވާފައެވެ.
އިތުރަށް ރައީސް ފާހަގަކުރެއްވީ ފަލަސްޠީނު މައްސަލާގައި ދެމެހެއްޓެނެވި ޞުލްޙައެއް ހާސިލުވާނީ އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެންކަމަށް ދެކެވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ.
ލޫވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ހޯއްދެވި ކާމިޔާބީއަށާއި، ސުލްހަވެރިކަމާއެކު ބާރުތައް ނަގަލުވެގެންދިޔަ ދިއުމަށް މަރުހަބާ ވިދާޅުވުމާއެކު، ރައީސްގެ ވެރިކަމުގެ ފުރަތަމަ މަސްތަކުގައި އަޅުއްވާފައިވާ ޑިމޮކްރެޓިކް ފިޔަވަޅުތަކަކީ ދެކުނު އޭޝިޔާއާއި މުޅި ދުނިޔެއަށްވެސް ނަމޫނާއެއްކަން ފާހަގަކުރައްވައި އެފިޔަވަޅުތަކަށް ތާރީފުކުރައްވާފައެވެ.

