މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 12 އިންސައްތަ އިތުރުވެއްޖެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 12 އިންސައްތަ ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް 174,000 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އަދި އެވްރެޖްކޮށް ދުވާލަކު 6,200 ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.
ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 155,000 ފަތުރުވެރިންނެވެ.
ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކަށް ބަލާއިރު 18,500 ފަތުރުވެރިންނާއެކު އެއްވަނައިގައި އޮތީ ރަޝިޔާއެވެ. 18,100 ފަތުރުވެރިންނާއެކު ލިސްޓުގެ ދެވަނައިގައި އިޓަލީ ވިލާތް އޮތްއިރު، 16,000 ފަތުރުވެރިންނާއެކު ތިންވަނައިގައި އޮތީ ޗައިނާއެވެ.
މިދިޔަ އަހަރު ލިސްޓުގެ އެއްވަނައިގައި އޮތް އިންޑިއާ މިހާރު އޮތީ ލިސްޓުގެ ފަސްވަނައިގައިއެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރީ 13,900 ފަތުރުވެރިންނެވެ.
މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކަށް ބަލާއިރު އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި ޖަރުމަނު ވިލާތާއި ސްވިޒަރލެންޑް ހިމެނެއެވެ.

