ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ވެރިފަރާތް ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝާހިދު އައްޔަންކުރައްވައިފި އެވެ.
ރީޖަނަލް އެއާޕޯޓްސް އިން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެމްބަރަކަށް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޝާހިދު ޢައްޔަންކުރެއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަދި ޝާހިދުއަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި އެކުންފުންޏަށް އިތުރު މުއްސަދި ކަމެއް ގެނެސްދީފައިވާ ކަމަށެވެ. އަދި ޝާހިދުގެ ހުނަރުވެރިކަމާއި ހިންގުންތެރި ކަމުގެ ސަބަބުން އޭނާއަކީ އެކުންފުނީގެ ބޯޑަަށް ގެނެވުނު އިތުރު ފުރިހަމަކަމެއް ކަމުގައި ދެކޭކަމަށެވެ.
ޝާހިދު އެންމެ ފުރަތަމަ ވަޒީފާ އަދާކޮށްފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގައެވެ. އަދި މެލޭޝިޔާހެ އޭޕީޔޫއިން އައިޓީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރެއްވުމަށްފަހު 8 އަހަރު ފެނަކަ ކޯޕަރޭޝަންގެ އައިޓީ ޑިޕާޓްމަންޓާއި ހަވާލުވިއެވެ.
މިމުއްދަތުގެ ތެރޭގައި ފެނަކަ އައިޓީ ޑިޕާޓްމަންޓަށް ބޮޑެތި ކުރިއެރުންތައް ގެނެސްދެއްވިއެވެ. އޭގެ ފަހުން ރީޖަނަލް އެއާޕޯޓްސްގެ އައިޓީ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމާއި ހަވާލުވެ ކުރުމުއްދަތުގައި ޑިޕާޓްމަންޓްއަށް ހެޔޮބަދަލުތަކެއް ގެންނެވިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރީޖަނަލް އެއާޕޯޓްސްގެ ބެލުމުގެ ދަށުގައި 7 އެއަރޕޯރޓެއް އޮވެއެވެ. މިއެއާޕޯޓުތައް ބަލަހައްޓައި ހިންގުން ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ރީޖަނަލް އެއާޕޯޓްސް އާއިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ރީޖަނަލް އެއާޕޯޓްސް ތައް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ގިނަ ވައުދުތަކެއް ވެެވަޑައިގެންނެވިއެވެ. އެވައުދުތައް ފުއްދުމަށްޓަކައި ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ދަނީ ގިނަ މަސައްކަތް ތަކެއްކުރައްވަމުންނެވެ.

