ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނެގި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނަގާފައިވާ މައްސަލައެއް މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ.
އެގޮތުން އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން، 30 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން ވަގަށްނެގި ބައެއް ތަކެތި ވަނީ ހޯދާފައި ކަމަށްވެސް ބުނެއެވެ. އަދި މި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ޖަނަވަރީ 26 ވަނަ ދުވަހުއެވެ. 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ޖަނަވަރީ 27 ވަނަ ދުވަހުއެވެ. މި ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުން ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.
މި ދެމީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު ހ. ތިމާވެށި ގެ އިން ވަގަށް ނަގާފައިވާ ބައެއް ތަކެތި، އެތަނުން އެކަކު ދިރިއުޅޭ ގެ އިން ފެނިފައިވާ ކަމަށާއި، ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ. މި ތަކެތީގެ އަގު މިލިއަނަކަށްވުރެ ބޮޑު ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިހާރު މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައި ކަމަށެވެ.
މި މައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

