އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގައި އެރޮބްރިޖް ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި އެރޮބްރިޖްތަކުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި ވީއައިއޭގެ ކަސްޓަމަރުންގެ ތަޖުރިބާއާއި އިތުރު ތަރައްޤީ އެއަރޕޯރޓް އަށް އަންނާނެއެވެ.

ޖެޓް ބްރިޖް ނުވަތަ އެރޮބްރިޖް އަކީ އާންމުގޮތެއްގައި އެއާޕޯޓް ޓާމިނަލް ގޭޓަކުން މަތިންދާބޯޓަކަށް އަދި ބައެއް ހާލަތްތަކުގައި ބަނދަރަކުން ދޯންޏަކަށް ނުވަތަ އުޅަނދަކަށް ފުޅާވެ، ފަސިންޖަރުންނަށް ފަސޭހައަކަށް ހަރުކޮށްފައި ހުންނަ ކަނެކްޓަރެކެވެ. ހާއްސަ ވިއްސާރަވެ މޫސުން ގޯސްދުވަރު ތަކުގައި އެރޮބްރިޖް އަކީ ކޮންމެހެންވެސް ބޭނުންކުރަން ޖެހޭނެ އެވެ.
އާންމުގޮތެއްގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އެއަރޕޯރޓް ތަކުގައި އެރޮބްރިޖް ބޭނުންކުރަމުންދެއެވެ. ރާއްޖޭގައި ގާއިމްކުރާ އެރޮބްރިޖް އަކީ އެންމެ ފަހުގެ އުފެއްތަކުގެ ތެރޭގައި ހިމެނޭ ބްރިޖް ކަނެކްޓަރެކެވެ.

އެމްއޭސީއެލުން އުއްމީދުކުރަނީ ކައިރި މުސްތަގުބަލެއްގައި ފަސިންޖަރުންނަށް އެރޮބްރިޖް ހުޅުވާލުމެވެ.
މިހާރު ކުރިއަށްދާ ޓާމިމިނަލުގެ މަސައްކަތާއި އޭރޯ ބުރިޖުތަކުގެ މަސައްކަތުގެ އިތުރުން ވެސް "ސްޓޭޓް-އޮފް-ދި-އާޓް" ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް އެ މަޝްރޫއުގެ ތެރެއިން ގާއިމު ކުރާނެއެވެ.
މި މަޝްރޫއުގެ ދަށުން އާ ރަންވޭ ނިންމާލާފައިވާއިރު ފިއުލް ފާމްވެސް ވަނީ ނިމިފައެވެ. އަދި ސީ ޕްލޭން ޓާމިނަލް އަދި ކާގޯ ކޮމްޕްލެކްސްގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.

އެރޮބްރިޖް އަކުން މަތިންބޯޓު ކަނެކްޓް ކޮށްފައި/ފޮޓޯ: ޓައިމްސް
ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދޭ ގޮތަށް ތަރައްގީ ކުރާ އިރު، އެންމެ ބާރު ސްޕީޑުގައި ކުރިޔަށް ދަނީ އާ ޓާމިނަލްގެ މަސައްކަތެވެ.
އާ ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް މި ސަރުކާރުން ލަފާކޮށްފައި ވަނީ 2025 ގައެވެ. އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއު ވަރަށް ބޮޑަށް ލަސްވި އިރު، މި މަޝްރޫއަށް މިހާތަނަށް ސައޫދީ ފަންޑުން 99.8 މިލިއަން ޑޮލަރު، ކުވޭތު ފަންޑުން 97.6 މިލިއަން ޑޮލަރު، އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރު އަދި އަބޫ ދާބީ ފަންޑުން 50 މިލިއަން ޑޮލަރު ސަރުކާރުން ނަގާފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

